Last Updated: June 22, 17:19
Sunday, June 22, 2025
ޚަބަރު

ފަނޑިޔާރުން ވަކިކުރި ގޮތާ މެދު އ.ދ ގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީޙުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރި ގޮތާއި މެދު ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާގަރެޓް ވިދާޅުވީ، ފަނޑިޔާރުން ވަކިކުރީ ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ކަންބޮޑުވުން އުފެދޭ ގޮތަށް ކަމަށެވެ.

ފަނޑިޔާރުން ވަކިކުރެވޭނީ އިންސާފުވެރި ތަހުގީގެއް ހިންގުމަށްފަހު މަގާމުން ވަކިކުރެވޭނެ ފަދަ އަމަލެއް ހިންގާ ހާލަތުގައި ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ފަނޑިޔާރަކު ނުކުޅެދޭ ހާލަތުގައި ކަމަށް މާގަރެޓް ވިދާޅުވި އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒް ވަކިކުރަން ޖޭއެސްސީން ނިންމީ މަސާޖު ޕާލާއަކުން ހައްޔަރުކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފުގެ ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައަކާ ގުޅިގެންނެވެ.

ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ސުޕްރީީމް ކޯޓްގެ ފަނޑިޔާރުން ވަކިކޮށްފައި މިވަނީ އެކަމާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް ތުހުމަތު ކުރަމުން ދަނިކޮށެވެ. ނަމަވެސް މި ތުހުމަތުތައް ސަރުކާރުން ދޮގުކުރެ އެވެ.

މަހާޒާއި އަޒްމިރަލްދާ ވަކިކޮށްފައި ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތަކަށް އެދިވަޑައިގަތުމުން، އެ ފުރުސަތު ވެސް ނުދީ އެވެ.