Last Updated: May 16, 01:00
Thursday, May 15, 2025
ޚަބަރު

މުސާރަ ނުލިބިގެން ޑީބީއެމުން ވަކިވި ސީއީއޯ ޓްރައިބިއުނަލަށް

މި ސަރުކާރުން އުފެއްދި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސްއަށް މުސާރައާއި އިނާޔަތްތައް ނުލިބިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފި އެވެ.

ނޮއެލް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މާޗް މަހުގެ 23 ވަނަ ދުވަހު އެވެ.

މުސާރަ އާއި އިނާޔަތްތައް ނުލިބިގެން ނޮއެލް ހުށަހެޅި މައްސަލަ މި މަހުގެ ހަތްވަނަ ދުވަހު ޓްރަބިއުނަލުން ވަނީ ބާތިލުކޮށްފަ އެވެ. މައްސަލަ ބާތިލުކުރީ މައްސަލަ ހުށަހެޅި ފަރާތަކީ ދިވެހި ބަސް ނޭނގޭ ބިދޭސީއަކަށްވާތީ ތަރުޖަމާނަކު ހޯދަން ދިން ފުރުސަތުގައި ތަރުޖަމާނަކު ހަމަޖައްސާފައި ނުވާތީ ކަމަށެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ޕެޓަސަން އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ގަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެކުރިން ވިދާޅުވި ގޮތުގައި ބޭންކުގެ ހިދުމަތް ދޭން ފަށަން ރާވާފައި ވަނީ ތިން މަރުހަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ކުރަމުން ދަނީ އެތަނުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށް ސައީދު ވިދާޅުވި އެވެ.