Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

ޕީއެންސީގެ ނައިބު ރައީސްކަން ޣައްސާނާއި ޝިޔާމަށް

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ކަނޑައަޅައިފި އެވެ.

ޕީޕީއެމް އުވާލަން ނިންމިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޣައްސާން އަދި ޝިޔާމް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ހަމަޖައްސަން ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ސެނެޓު ބައްދަލުވުމެއްގަ އެވެ. ސެނެޓް ބައްދަލުވުމަށް މިގޮތަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ހުށަހެޅުއްވި އެ ހުށަހެޅުން ފާސްކޮށްފައިވަނީ އަޣުލަބިއްޔަތުންނެވެ.

ގައްސާން އަދި ޝިޔާމް އާއެކު ޕީއެންސީގައި މިހާރު ޖުމްލަ އަށް ނައިބު ރައީސުން އެބަތިއްބެވެ.

ރާއްޖޭގައި ކުރިން އެންމެ ނުފޫޒު ގަދަ އެއް ޕާޓީގެ ގޮތުގައި ފާހަގަކޮށްލެވުނު ޕީޕީއެމް އުވާލަން އެ ޕާޓީން ސެނެޓުން ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.