Last Updated: May 16, 01:00
Friday, May 16, 2025
ޚަބަރު

ނައިބު ރައީސް ހަވާއީ އަށް ފުރާވަޑައިގެންފި

ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ ދަޢުވަތަކަށް ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، އެމެރިކާގެ ހަވާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، ބްލޫ ޕްލެނެޓް އެލަޔަންސްގައި ރާއްޖެ ބައިވެރިވެ، އެފަރާތުން ބާއްވާ ފެލޯޝިޕް ޕްރޮގްރާމްގެ ޖަލްސާގައި، ޚާއްޞަ މެހެމާނެއްގެގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެ އެވެ. މި ޕްރޮގްރާމްގެ ހަވާސާގައި ކުރިއަށްގެންދާ ގިނަ ހަރަކާތްތަކެއްގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ބްލޫ ޕްލެނެޓް އެލަޔަންސް ފެލޯޝިޕް ޕްރޮގްރާމަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގް ސްޓޭޓްސް (ސިޑްސް) ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ ޕޮލިސީ ސްޕެޝަލިސްޓުންނާއި، ޔޫޓިލިޓީސް ދާއިރާގެ އިސްވެރިންނާއި، ސިވިލް ސޮސައިޓީ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއިއެކު، އެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޯލޮޖީތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

ހަވާއީގެ ހޮނަލޫލޫގައި މިމަހުގެ 18 އިން 23 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މިއީ މިފަދަ ގޮތަކަށް މި ޕްރޮގްރާމް ކުރިއަށް ގެންދަވާ 4 ވަނަ ފަހަރެވެ.