ލަމީން ޔަމާލްގެ ގޯލާ އެކު 2-0 އިން އެސްޕަނިޔޯލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބާސެލޯނާ، އެއް ވަނައިގައި އޮތީ 36 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 36 މެޗުން ވަނީ 78 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ބާކީ ދެން އޮތީ ދެ މެޗެވެ.
މިއީ ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދި 28 ވަނަ ފަަހަރެވެ.
މިދިޔަ ސީޒަނުގައި ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ބާސެލޯނާ އިން މި ސީޒަނުގައި ވަނީ ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން ސުޕަ ކަޕެވެ.
އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، ބާސާއިން ލީޑުނެގި އުމުރުން 17 އަހަރުގެ ޔަމާލް ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 53 ވަނަ މިނެޓްގައި ޔަމާލް މި ގޯލު ކާމިޔާބުކުރީ އެސްޕަނިޔޯލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަަނަށް އަމާޒުކޮށްލައިގެންނެވެ.
މެޗުގެ 80 ވަނަ މިނެޓްގައި އެސްޕަނިޔޯލްގެ ލެއަންޑްރޯ ކަބްރޭރާ ބޯޅަ ނެތީސް ޔަމާލް އަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލަން ޖެހުނީ 10 ކުޅުންތެރިންނާއެކު އެވެ.
މެޗުގެ އިތުރު ވަގުތުގައި، ބާސެލޯނާގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ފާމިން ލޮޕޭޒް އެވެ. މި ގޯލު ފާމިން ކާމިޔާބުކުރީ އެސްޕަނިޔޯލްގެ އޭރިއާގެ ކުޑަތަންކޮޅެއް ބޭރުން ލިބުނު ބޯޅައެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ.