ދިވެހި ސަރުކާރާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް ގުޅިގެން 8.8 ބިލިއަން ޑޮލަރަށް ހެދުމަށް ނިންމާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރަކީ ސްކޭމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސްއާ އެކު މި ފައިނޭންޝަލް ސެންޓަރު ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ މި މަހުގެ ކުރީކޮޅު ސޮއިކޮށްފަ އެވެ. ނަމަވެސް މި ކުންފުންޏާއި މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ރާއްޖޭގެ ކްރެޑިޓް ރޭޓިން އޮތީ "ސީސީ"ގައި ކަމަށާއި އަދުލުވެރި ޖުޑިޝަރީއެއް ނެތްނަމަ އިންވެސްޓަރުން ހޯދަން އުނދަގޫވާއިރު އެފަދަ ފަނޑިޔާރުގެއެއް ވެސް މިހާރު ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެކަށީގެންވާ އަދަދަކަށް އާމްދަނީއެއް ވެސް ރާއްޖެއަށް ނުލިބޭ ކަމަށާއި ކަމެއް ކުރާނެ ހަކަތައެއް ވެސް ރާއްޖޭގެ އިގްތިސާދުގައި މިވަގުތު ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ދެން ކޮން މޮޔައަކު ނޫނިއްޔާ މިތަނަށް 8 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ގެންނާނީ؟ ތިއީ ހަމަ ކަނޑައެޅިގެން ސްކޭމެއް ތީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ޕްރޮޖެކްޓުން ވެސް ފައިސާ ނަގާ މީހުން ނަގާނެ ކަމަށާއި މި ސަރުކާރުގައި މިހާތަނަށް ކަންކަން ވެފައި ހުރީވެސް މިގޮތަށް ކަމަށެވެ. އެގޮތުން ރަސްމާލެ ޕްރޮޖެކްޓުގައި ވެސް ކަންކަން ދިޔައީ ރަނގަޅަށް ނޫން ކަމަށް ސަރުކާރުން އެއްބަސްވި ނަމަވެސް މިކަމުގައި ހެދި ގޯސްތަކަށް ބަޔަކު ޒިންމާ ކުރުވާފައި ނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
މާލީ ސެންޓަރު ގާއިމުކުރުމުގެ މަޝްރޫއު އެއްކޮށް ނިންމާލުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ މަގުސަދަކީ ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ފާހަގަކުރެވޭ ވަރަކަށް އިތުރުކުރުމެވެ. އަދި ފަސްވަނަ އަހަރާ ހަމައަށް އެއް ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެ އެވެ.