ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ވެސް ކީރިތި ރަސޫލާ ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "އިސްލާމީ ޝަރީއަތުގައި ސުންނަތުގެ މަގާމު"، މި މައުޟޫއުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ މާތްﷲ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވައިފައި ވަނީ އަހަރެމެންނަށް ސީދާ މަގަށް މަގު ދެއްކެވުމަށް ކަމަށާއި އެހެންކަމުން އެކަލޭގެފާނަށް ތަބާވުމީ އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ.
"ދިރިއުޅުމުގެ ހުރިހައި ކަމެއްގައި ވެސް އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަންނާން ޖެހެއެވެ،" ހުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ، މާތްﷲގެ ކަލާމުފުޅު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ކައުއިތުރު ރަސޫލާގެ ދޫފުޅު މަތީން ކަމުގައި ވީހިނދު، އެކަލޭގެފާނުގެ ސުންނަތަށް އީމާން ނުވާ މީހާ ހަގީގަތުގައި ޤުރްއާނަށް ވެސް އީމާންވާކަމުގައެއް ނުވާނެ ކަމަށެވެ.
ބައެއް މީހުން ދެކޭ ގޮތުގައި، މުސްލިމުން އަމަލުކުރާންޖެހޭ ހުރިހައި ކަމެއް، ކީރިތި ވަންތަ ﷲ ވަނީ ޤުރްއާނުގައި ބަޔާންކުރައްވައި ކަމަށާއި އެހެންކަމުން، ޤުރްއާން ފިޔަވައި އެހެން މަޞްދަރަކަށް ބަލާކަށް ނުޖެހޭނެއެވެ. ނަމަވެސް ހަގީގަތުގައި މިއީ ވަރަށް ގޯސް ވިސްނުމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމީ ޝަރީއަތުގެ ގިނަ ކަންތައްތައް ސުންނަތަށް ރުޖޫއަވުމަކާ ނުލައި، ހަމައެކަނި ޤުރްއާނުން ދަލީލު ނަގައިގެން އަމަލުކުރުމީ މުސްތަހީލު ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
އެގޮތުން، ނަމާދަކީ ދީނުގެ އެންމެ މުހިންމު އެއް ރުކުން ކަމަށާއި އެއީ އިސްލާމް ދީނުގެ ތަނބު ކަމަށާއި އަދި ޝަހާދަތުގެ ދެ ކަލިމައަށް ފަހު ދީނުގައި އަދާކުރުމަށް އައިސްފައިވާ އެންމެ މުހިންމު ކަމަކީ ނަމާދުކުރުންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަމާދު ފަރުޟު ކުރެއްވިކަން ކީރިތި ޤުރްއާނުން އެނގޭން އޮތްކަމުގައިވީ ނަމަވެސް، ނަމާދު އަދާކުރާންވީ ގޮތެއް ކީރިތި ޤުރްއާނުގައި އައިސްފައެއް ނެތް ކަމަށެވެ. އަދި ފަރުޟުކުރެވުނީ ކިތައް ނަމާދު ކަމެއް ވެސް ކީރިތި ޤުރްއާނުން އެނގޭކަށް ނެތް ކަމަށާއި އެ ކަންކަން އެނގެނީ ކީރިތި ރަސޫލާގެ ސުންނަތުންކަން ޚުތުބާގައި ބުންޏެވެ.
އިސްލާމީ ޝަރީއަތުގެ ފުރަތަމަ މަސްދަރުކަމުގައި ކީރިތި ޤުރްއާން ވީފަދައިން ރަސޫލުގެ ސުންނަތަކީ އެ ޝަރީއަތުގެ ދެވަނަ މަސްދަރުކަން ކަށަވަރު ކަމަށް ޚުތުބާގައި ބުންޏެވެ. އެހެންކަމުން، ކީރިތި ޤުރްއާން ގަބޫލުކުރިއަސް ރަސޫލާގެ ސުންނަތް ގަބޫލުނުކުރާ ނަމަ، އެއްވެސް މީހެއްގެ ދީން ފުރިހަމައެއް ނުވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.