ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ ކަމަށްވާ މޫޑީސް އިން ދިވެހިރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިންގް 'ސިއޭއޭ2' ގައި ދަމަހައްޓައިފި އެވެ.
ހުސްވި ޑިސެމްބަރު މަހު މޫޑީސް އިން ނެރުނު ރޭޓިންގްގައި ވެސް ރާއްޖެ އަށް ދީފައި ވަނީ 'ސިއޭއޭ2' އެވެ. 'ސީއޭއޭ2' ރޭޓިންއަކީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެ، ދޭ 'ޖަންކް' ރޭޓިންއެކެވެ.
މޫޑީސްއިން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ރޭޓިން ކޮމިޓީ ބައްދަލުވުމަށްފަހު ދީފައިވާ ރިވިއުގައި ބުނެފައި ވަނީ ބޭރު ފައިސާއާ ގުޅޭ ގަވައިދުތައް މިދިޔަ އަހަރު ތެރޭ ހަރުކަށިކޮށް، ބޭރު ފައިސާގެ ރިޒާވް އިތުރުކުރެވޭނެ ކަމުގެ އިތުބާރު ކޮންމެވެސް ވަރަކަށް ރާއްޖެއިން ހޯދާފައިވާ ކަމަށެވެ. އަދި ބޭރު ފައިސާގެ ރިޒާވް ރަނގަޅު ކުރެވޭނެކަން ފާހަގަކުރި މައިގަނޑު ސަބަބަކީ ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާ މާރުކުރުމުގެ އުސޫލުތަކަށް މިދިޔަ އަހަރު ތެރޭ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް ކަމަށްވެ އެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބޭރުގެ ދަރަނި އަދާކުރުމަށް ފައިނޭންސިން ނުވަތަ ފައިސާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއަށް ހަނިވެފައިވާ ކަމަށް ބުނެ އެ އިދާރާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 2026 ވަނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ހިމެނޭގޮތަށް، ބޭރުގެ ދަރަނި އަދާކުރުން ކަމަށް ވެސް މޫޑީސް އިން ބުނެ އެވެ.
ރަނގަޅު ރޭޓިންއަކަށް ރާއްޖެ ގެންދިއުމަށް މޫޑީސް އިން ވަނީ އިރުޝާދުތަކެއް ވެސް ދީފަ އެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ ރާއްޖޭގެ ރޭޓިން ދަށްވުމުގެ ފުރުސަތު ވެސް އޮތްކަމަށް މޫޑީސް އިން ވަނީ ފާހަގަކޮށްފަ އެވެ.