Last Updated: May 16, 20:32
Friday, May 16, 2025
ދުނިޔެ

ގާޒާއިން މިއަދު އެކަނި 100 މަރު

އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން މިއަދު އެކަނި މިހާތަނަށް 100 މީހުން މަރުވެއްޖެ އެވެ.

ގާޒާގެ ހެލްތު އޮފިޝަލުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ފަތިހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 100 އަށް ވުރެ މައްޗަށް އަރާފަ އެވެ. މީގެތެރެއިން 53 މީހުން މަރުވެފައިވަނީ ގާޒާގެ އުތުރުގެ ސަރަހައްދުތަކުންނެވެ.

އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ބެއިތް ލެހިޔާ އާއި ޖަބަލިއާ ރެފިއުޖީ ކޭމްޕް ހިމެނޭއިރު، ގިނަ އަދަދެއްގެ ބަޔަކު ތަންތަނުގެ ދަށުގައި ތާށިވެ ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އިއްޔެ އެކަނި ވެސް 100 އަށް ވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.