ރާއްޖެއިން ޙައްޖަށް ދާ ޙައްޖުވެރިންނަށް މުޅިން އަލަށް ތަޢާރަފް ކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދިނުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް މިއަދު ރާއްޖެ ވަޑައިގަންނަވައިފި އެވެ.
މިއަދު ރާއްޖެ ވަޑައިގެންނެވީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ޚިދުމަތް ދެއްވުމުގެ މަސައްކަތުގެ އެޑްވާންސް ޓީމެވެ. މި ވަފުދަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މި ވަފުދުގައި ސަޢުދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީގެ ބޭފުޅުންނާއި، ސަޢުދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސަޢުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާގުޅުންހުރި މުޢައްްސަސާތައް ހިމެނެ އެވެ. މި ވަފުދުން މައްކާ ރޫޓު އިނީޝިއޭޓިވް ރާއްޖޭގައި ތަންފީޒު ކުރަން ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.