Last Updated: May 16, 20:32
Friday, May 16, 2025
ޚަބަރު

ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާލަން ގޮވާލައިފި

ދަ ޑިމޮކްރެޓްސްގެ އިސްވެރިން - ފޮޓޯ: ޕީއެސްއެމް

ލާމަރުކަޒީ ނިޒާމާއި ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތް ހުއްޓާލަން ދަ ޑިމޮކްރެޓްސް އިން ގޮވާލައިފި އެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރު ލާމަރުކަޒީ ނިޒާމު ހިންގަން ހުރި ދަތިތަކުގެ ވާހަކަ ދައްކަވަމުން ގެންދިޔުމަށްފަހު، ވެރިކަން ލިބިވަޑައިގަތުމުން ތަފާތު އެކި ތަންތަނުގައި ލާމަރުކަޒީ ނިޒާމަށް ކުޑައިމީސް ވާގޮތަށް ރައީސް މުއިއްޒު ވާހަކަދައްކަވަމުން ދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އެގޮތުން ޑިމޮކްރެޓްސް އިން ވަނީ 'ރައްޔިތުންނާއެކު' ޕޮޑްކާސްޓުގައި ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ނަގައިގެން ކައުންސިލްތައް އޮތްގޮތަށް ތަޖުރިބާ ދަތުރުކިޔާފައި ބެންކޮކަށްދާ ކަމަށް ރައީސް ވިދާޅުވި ވާހަކަ ފާހަގަކޮށްފަ އެވެ.

އަދި މިދިޔަ އަހަރުގެ ޖުމްހުރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގާނޫނަށް ބަދަލު ގެނެސް، ކައުންސިލްތަކުގެ މެންބަރުންގެ އަދަދު ވެސް ރާއްޖެއަށް އެކަށީގެންވާ މިންވަރަކަށް ކުޑަކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވެފައިވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޑިމޮކްރެޓްސް އިން ބުނީ ލާމަރުކަޒީ ނިޒާމަށް ކުޑައިމީސް ވާގޮތަށް ރައީސް ވާހަކަދެއްކެވުމުގެ އިތުރުން އެމަނިކުފާނު ކޮންޓްރޯލް ކުރައްވާ ބައެއް މަޖިލިސް މެންބަަރުން ލައްވައި، ކުރިން ކަތީބުން ތިބިއިރު، މާ ރަނގަޅު ކަމަށް ބުނެ ވާހަކަތައް ދައްކާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ ވަކި ބާބެއްގައި ދައުލަތް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ކަނޑައަޅާފައިވާއިރު، ރައްޔިތުންގެ ބައިވެރިވުމާ ވޯޓުން ރަށްރަށް ހިންގާނެ ބަޔަކު ކަނޑައަޅާ އުސޫލު ބަދަލުކޮށް، އަލުން އައްޔަންކުރާ ވަޒީފާތަކަކަށް ހެދުމުގެ ހީލަތްތެރި ނިޔަތުގައި ލާމަރުކަޒީ ނިޒާމާ ދެކޮޅަށް ހިންގަވާ މަސައްކަތްތައް ހުއްޓާލުަމށް ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފަ އެވެ.

ޑިމޮކްރެޓްް އިން ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، ވެވަޑައިގެންނެވި ވައުދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެމަނިކުފާނަށް ހަނދުމަކޮށް އަރުވާފަ އެވެ.