Last Updated: May 18, 09:04
Sunday, May 18, 2025
ޚަބަރު

މިނިވަން މުއައްސަސާތަކުގެ މެމްބަރުން ސިޔާސީވުން ރަނގަޅެއް ނޫން

ފައިސަލް ނަސީމް- ފޮޓޯ: ރައީސް އޮފީސް

މިނިވަން މުއައްސަސާތަކުގެ މެމްބަރުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވެފައިމިވަނީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބަލާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދާދިފަހުން އައްޔަންކުރެއްވި މުހައްމަދު އަބްދުﷲ (މުހަންމާ) ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓަށް ރޭ އައްޔަންކުރުމާ ގުޅިގެންނެވެ.

ބްރޮޑްކޮމްގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން ގާނޫނު ހުރަހެއް ނާޅަ އެވެ.

ފައިސަލް ވިދާޅުވީ ޤާނޫނުގައި މަނާކޮށްފައި ނުވާތީ، މިނިވަން މުއައްސަސާތަކުގެ މެމްބަރުން ސިޔާސީ ކަންކަމުގައި ބައިވެރިވެ ހަރަކާތްތެރިވުމަކީ ކުރެވޭނެ ކަމެއް ކަމަށް ދެކުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ. ޤާނޫނެއްގެ ގޮތުގައި ލިޔެފައި ނެތް ނަމަވެސް، މުޖުތަމަޢުގައި އާންމުން ޤަބޫލުކޮށް އަމަލުކުރާ ހަމަތަކާއި ހިފަހައްޓަމުން އައިސްފައިވާ އުސޫލުތަކަކީ، އެއަށް ބޯލަނބައި ކިޔަމަންވާން ޖެހޭ ކަންކަން ކަމަށް ފައިސަލް ވިދާޅުވި އެވެ.

"ދިމިޤުރާތީ އަދި ތަހުޒީބު މުޖުތަމަޢުތަކުގައި މިނިވަން މުއައްސަސާތަކުގެ ތަޞައްވަރު ދެމެހެއްޓުމަށާއި، އިތުބާރު ދެމެހެއްޓުމަށް، މިނިވަން މުއައްސަސާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން ނުކޮށް ދޫކޮށްލަންޖެހޭ ކަންކަން ހުންނާނެ،" ފައިސަލް ވިދާޅުވި އެވެ.

ބްރޮޑްކޮމް އަށް މުހަންމާ އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ 22ގަ އެވެ.