Last Updated: May 18, 09:36
Sunday, May 18, 2025
ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް ޗެލްސީ ހަތަރަކަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލީގުގެ ހަތަރު ވަނައަށް ޖެހިލައިފި އެވެ.

ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭއިރު، މިވަގުތު އޭގެ މަގާމެއް ޔަގީންކޮށްފައިވަނީ ލީގު ޗެމްޕިއަންކަން ހޯދާފައިވާ ލިވަޕޫލުން އެކަންޏެވެ.

ލިވަޕޫލަށް، 36 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އާސެނަލަށް 36 މެޗުން 68 ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 36 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ޗެލްސީ އާއި ފަސް ވަަނައިގައި އޮތް އެސްޓަން ވިލާ އަށް 37 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. އަދި ހަ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 36 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ހެރީ މެގުއާ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައިވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު 71 ވަނަ މިިނެޓްގައި ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ޖޭމްސް ނަގައިދިން ހުރަހަކުން މާކް ކުކުރޭއާ އެވެ. ލީޑު ފުޅާކޮށްލަން ކޯލް ޕާމާ ދިން ޕާހަކުން ނޮނީ މަޑުއޭކޭ އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މިއީ ޔުނައިޓެޑުން މޮޅެއް ނުލިބި ޖެހިޖެހިގެން ލީގުގައި ނިންމާލަން ޖެހުނު އަށް ވަަނަ މެޗެވެ. ޔުނައިޓެޑް އޮތީ 37 މެޗުން 39 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ.