ރ. އަތޮޅު ދެކުނު ބިތުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރާނެ ރަށެއް ނިންމުމަށް ރައްޔިތުންގެ ވޯޓަކަށް ދިޔުމަށް ނިންމައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރ. އަތޮޅު ކައުންސިލްގެ ބައްދަލުވުމުގައި ކިނޮޅަސް ކައުންސިލްގެ ރައީސް އަޙްމަދު ޙުސައިން ވަނީ އެއާޕޯޓް އަޅާނެ ރަށެއް އަތޮޅުގެ ރައްޔިތުން ނިންމުން މުހިންމު ކަމަށާއި އެހެންކަމުން މުޅި އަތޮޅު ހުރިހާ ރައްޔިތުން ހިމެނޭހެން ވޯޓެއް ނެގުމަށް ހުށަހަޅާފަ އެވެ.
އެގޮތުން މާލޭގައި 1 ފޮށި އަދި އަތޮޅު ހުރިހާ ރަށެއްގައި ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓައިގެން އެއް ދުވަހެއްގައި ހުރިހާ ރަށެއްގައި ވޯޓެއް ނެގުމަށް އަޙްމަދު ޙުސައިންވަނީ ހުށަހަޅުއްވާފައެވެ.
މި ވޯޓު ނެގުމަށް މާލެ އާއި އަތޮޅުގެ ހުރިހާ ރަށެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ވެސް ހުށަހެޅުމުގައިވެ އެވެ. މި ހުށަހެޅުން ފާސްވީ 13 ކައުންސިލަރުންގެ ތެރެއިން ނުވަ ކައުންސިލަރުންގެ ތާއީދާއެކު އެވެ.
ނަމަވެސް މި ވޯޓު ނަގާނެ ތާރީހެއް އަދި ނިންމާފައެއް ނުވެ އެވެ.
ރ. އަތޮޅު ކައުންސިލުން މިގޮތަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ އެ އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓް ރ. ފައިނުގައި އެޅުމަށް ނިންމާފަ އެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެ މަސައްކަތަށް ޚަރަދުކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މިއީ އެމްއޭސީއެލްގެ ޚަރަދުގައި އަޅާ ދެވަނަ އެއާޕޯޓެވެ. އެ ކުންފުނީގެ ޚަރަދުގައި ފުރަތަމަ އެޅީ ތ. ތިމަރަފުށީ އެއާޕޯޓެވެ.