މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ "އިންމޭޓްސް ފުޓްސަލް ޓޯނަމަންޓް" ފަށައިފި އެވެ.
އިއްޔެ ފެށި އެ މުބާރާތް އިފުތިތާޙުކޮށް ދެއްވީ ޕްރޮސެކިއުޓަ ޖެނެރަލް ޢައްބާސް ޝަރީފެވެ.
އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނަ އޮފް ޕްރިޒަންސް ޙަސަން ޒަރީރާއި ޑެޕިއުޓީ ކޮމިޝަނަ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދުދީދީ އާއި މާފުށީ ޖަލުގެ ޑައިރެކްޓަ ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް ޢަބްދުﷲ އަމީންގެ އިތުރުން ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަ ރޭންކްތަކުގެ މުވައްޒަފުން ބައިވެރިވި އެވެ.
ގައިދީންގެ ފުޓްސަލް މުބާރާތް ކުރިއަށް ގެންދަނީ ލީގު އުޞޫލުން، އެންމެ ޕޮއިންޓް ގިނަ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މުބާރާތުގައި ހަ ޓީމަކުން ވާދަކުރާ އިރު، ކޮންމެ ޓީމެއްގައި 14 ކުޅުންތެރިންނާއި ފަސް އޮފިޝަލުން ހިމެނެ އެވެ.
މުބާރާތުގައި ބައެއް ގައުމުތަކުގެ ޤައިދީންނާއެކު 114 ބައިވެރިވެ އެވެ.
ގައިދީންގެ ފުޓްސަލް މުބާރާތުގެ މަގުސަދަކީ ގައިދީންގެ މެދުގައި އެކުވެރިކަން އާލާކޮށް، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ބާރުއެޅުމާއި ހުސް ވަގުތުތައް ބޭނުންތެރި، އުފާވެރި ގޮތެއްގެ ހޭދަކުރުމަށް ބާރު އެޅުމެވެ. އަދި މިފަދަ ހަރަކާތްތަކުގައި ގިނައިން ބައިވެރިވުމަކީ ޤައިދީންގެ އުޅުމާއި އަޙްލާގަށް ހެޔޮ ބަދަލު އައިސް، އިސްލާޙުވުމަށް ލިބޭ އިތުރު ހިތްވަރަކަށް ވާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.