Last Updated: May 18, 09:50
Sunday, May 18, 2025
ޚަބަރު

ސީ-ޓު-އެއާ ކާގޯ އިން ދެ މިލިއަން ކިލޯގެ މުދާ އުފުލައިފި

ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް އަހަރެއްވީ އިރު ދެ މިލިއަން ކިލޯގެ މުދާ އުފުލާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކާމިޔާބީ ފާހަގަކުރުމަށް އެ ކުންފުނިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާއްސަ ހަފުލާއެއް ވެސް ބާއްވާފައިވެ އެވެ.

އެމްއޭއެސީއެލުން ބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ތައާރަފުކުރި ސީ-ޓު-އެއާ ކާގޯގެ ހިދުމަތަށް މި މަހަށް އަހަރަށްވީ އިރު، އެ ހިދުމަތުގެ ގިނަ އަދަދެއްގެ މުދަލުގެ މުއާމަލާތް ހިންގާފައިވާ އިރު، އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މި ހިދުމަތް ވެފައި ވަނީ ވަރަށް ކާމިޔާބު އަދި ކުރިމަގު އޮތް ހިދުމަތަކަށް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

ސީ-ޓު-އެއާ ކާގޯ ގެ ޚިދުމަތް ދެނީ އެ ކުންފުންޏާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ގުޅިގެންނެވެ. އަދި އެ ހިދުމަތް ދެނީ ބޭރުގެ އެއާލައިންތަކާ ގުޅިގެންނެވެ. އެގޮތުން މިހާތަނަށް 20 އާ ގާތްކުރާ އަދަދަކަށް ބޭރުގެ އެއާލައިންްތައް ހިދުމަތުގައި ހިއްސާވެ އެވެ.

އެގޮތުން މުދާ ފޮނުވޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް އަދި ޔޫރަޕުގެ ހައުމުތައް ހިމެނެއެވެ

ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ވައިގެ މަގާއި ކަނޑުމަގު ބޭނުންކޮށްގެން، މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށް ދިނުމަށް ތަޢާރަފުކުރި ފަސޭހަ އަދި އަވަސް ޚިދުމަތެކެވެ.

ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ޑިމާންޑު އިތުރުވަމުން އަންނާނީ މިހާރު އެންމެ ބޮޑު އިސްކަމެއްދެނީ އެ ދާއިރާ ރެގިއުލޭޓުކޮށް ކުރިއެރުވުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ.