Last Updated: May 18, 10:32
Sunday, May 18, 2025
މުނިފޫހިފިލުވުން

ޝާހްރުކްގެ 'ކިންގް' އާ ރާނީ ވެސް ގުޅޭނެ

ޝާހްރުކް ޚާންގެ އާ ފިލްމު "ކިންގް" ގެ ޝޫޓިން އަނެއްކާ ވެސް ފަސްކޮށްފައިވާކަމުގެ އަޑުތަކެއް އަރާފައި ވަނިކޮށް، މި ފިލްމުގެ ކާސްޓާ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ ވެސް ގުޅިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ސިދާތު އާނަންދު ޑައިރެކްޓްކުރާ އެކްޝަން ތުރިލާގައި ރާނީ ފެންނާނީ އެކްސްޓެންޑް ކެމިއޯއަކުން ކަމަށެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ރާނީ އަކީ ސިދާތު ޑައިރެކްޓްކުރި ދެވަނަ ފިލްމު ކަމަށްވާ 2007 ގެ "ތަރަ ރަމް ޕަމް" ގެ ބަތަލާކަމެވެ. ސައިފް އަލީ ޚާމް ބަތަލުގެ ރޯލު ކުޅުނު އެ ފިލްމަކީ ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ފިލްްމު ކުންފުނި، ޔާޝްރާޖް ފިލްމްސް ވައިއާރްއެފް) އިން ގެނެސްދިން ފިލްްމެކެވެ.

"ކިންގް" ގެ ކާސްޓަށް ރާނީ އިތުރުވި ވާހަކަ ދެކެވެން ފެށި އިރު، އޭނަ އާއި ޝާހްރުކަކީ ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ސްކްރީން ޖޯޑެވެ. ދެ ތަރިން ވަރަށް ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތަކެއް އެކީގައި ކުޅެފައިވެ އެވެ. އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ"، "ޗަލްތޭ ޗަލްތޭ" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ހިމެނެ އެވެ.

"ކިންގް" އަށް ރާނީ އިތުރުވި އިރު، ޝާހްރުކާ އެކު އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް މުހިއްމު ރޯލެއް ކުޅޭ މި ފިލްމުން ފެންނާނެ ކަމަށް ބުނާ ތަރިންގެ ތެރޭގައި ދީޕިކާ ޕަދްކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރް، އަރުޝަދު ވަރްސީ އަދި ޒުވާން އެކްޓަރު އަބޭ ވަރުމާ ހިމެނެ އެވެ.

މިދިޔަ މަހު މީޑިއާތަކުން ބުނި ގޮތުގައި މި ފިލްމުގެ ޝޫޓިން މާދަމާ ފަށާ ގޮތަށް އޮތީ ޕްލޭންކޮށްފަ އެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުން "ކިންގް" ގެ ޝޫޓިން މިހާރު އޮތީ ފަސްކޮށްފަ އެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ދާދި ފަހުން އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން މި ވަގުތަށް މި ފިލްމުގެ މަސައްކަތް ނުފަށައި މަޑުކޮށްލުމެވެ.

އަންނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވޭ "ކިންގް" އަކީ ޝާހްރުކްގެ ރެޑް ޗިލީސް އެންޓަޓައިންމަންޓާއި ސިދާތުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން ހަދާ ފިލްމެކެވެ. ސިދާތަކީ ޝާހްރުކްގެ 2023 ގެ "ޕަތާން" ޗެސް ގެނެސްދިން ޑައިރެކްޓަރެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިތިކް ރޯޝަނާއި ދީޕިކާއާ އެކު ގެނެސްދިން "ފައިޓާ" އެވެ.

"ކިންގް" ރާނީ ސޮއިކުރުމުގެ ވާހަކަތައް ދެކެވެން ފެށި އިރު، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ އޭނަގެ "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައެވެ. އެ ފިލްމު ރިލީޒްކުރަން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 27 ގަ އެވެ.