Last Updated: May 18, 09:15
Sunday, May 18, 2025
ޚަބަރު

ދިވެހި ހައްޖާޖީން ފުރަން ފަށާނީ 26 ގައި

ރާއްޖެއިން މި އަހަރު ހައްޖަށް ދާ ހައްޖާޖީން މި މަހުގެ 26 ގައި ފުރަން ފަށާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.

މި އަހަރު ވެސް ރާއްޖެ 1،000 މީހުން ހައްޖަށްދާ އިރު، ހުރިހާ އެންމެން ވެސް ހައްޖަށް ދާނީ ހައްޖި ކޯޕަރޭޝަންގެ ހަވާލުގަ އެވެ. ހައްޖަށް ދާ މީހުންގެ ތެރޭގައި ސަރުކާރުން ހައްޖަށް ފޮނުވާ 50 ފަގީރުން ވެސް ހިމެނެ އެވެ.

ރާއްޖެއިން ހައްޖަށް ދާ މީހުން މި މަހުގެ 26 ގައި ފުރަން ފަށާއިރު ހަތަރު ފްލައިޓެއްގައި ހައްޖާޖީން މައްކާ އަށް ދާނެ އެވެ. އެއީ ސައުދީ އަރަބިއާގެ ސައުދިއާގެ ދެ ފްލައިޓަކާއި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ދެ ފްލައިޓެއްގަ އެވެ.

ހައްޖާޖީންނާ އެކު ފަހު ފްލައިޓުގައި ފުރާނީ މި މަހުގެ 30 ގަ އެވެ.

މި އަހަރުގެ ހައްޖު ދުވަހަށް ވަނީ މަހުގެ 5 އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށްދާ މީހުން ފުރުމާއި ސައުދީ އަށް އެތެރެވުމުގައި ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެން ދާނެ އެވެ. އެއީ މި އަހަރު "މައްކާ ރޫޓް އިނިޝިއޭޓިޮވް" ގައި ރާއްޖެ ހިމެނުމާ ގުޅިގެންނެވެ. އެތަނުގެ އިސް ވަފުދެއް ވެސް މި ވަގުތު ރާއްޖޭގައި އެބަ އުޅެ އެވެ.