ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން މަދުކުރުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ މަޤާމުތައް މަދުކުރުމުން ދައުލަތް ހިންގުމުގެ ހަރަދުކުޑަވެ މާ ރަނގަޅަށް ވެސް ކަންކަން ކުރެވޭނެ ކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފު ވިދާޅުވެއްޖެ އެވެ.
ރައީސް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ މިދިޔަ ބުރާސްފަތި ދުވަހުގެ އެޕިސޯޑްގައި އެ މަނިކުފާނު ކައުންސިލްތަކާ ގުޅޭ ގޮތުން ދެއްކެވި ބައެއް ވާހަކަތަކާ ގުޅޭ ގޮތުން އާތިފު ވަނީ ނުރުހުން ފާޅު ކުރައްވައިފަ އެވެ.
އޭނަ ވިދާޅުވީ "ބޭކާރު" ސިޔާސީ މަގާމުތައް މަދުކޮށްގެން ދައުލަތް ހިންގުމުގައި ރައްޔިތުންގެ ރިޕްރެޒެންޓޭޝަން ކުޑަނުވެ ހަރަދު ކުރަން ކުރާ މާ ބޮޑަށް ހާސިލްވާނެ ކަމަށެވެ.
"ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވި ވަރަކަށް ސަރުކާރުތަކުން ބޭނުންހާ ގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތުބޮޑުވެ، ރައްޔިތުންގެ ފަރާތުން ބަސްބުނެ، ރަށުގެ ކަންކަމުގައި ސަރުކާރުގައި އެދޭ މިންވަރު ކުޑަކުރެވި ދާނެ." އާތިފު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ކައުންސިލްތަކުގައި ނެގެޓިވް ކަންތައްތައް ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވާއިރު، ސަރުކާރަށް އަހަރަކާއި ހަ މަސް ވީ އިރު، ކުޅުދުއްފުށީގައި ކުރިއަށް ދާ ގިނަ މަޝްރޫތަކާއި ހަރަކާތްތަކަކީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތްތައް ކަމަށެވެ.
"މި ދޮޅު އަހަރުތެރޭގައި ސަރުކާރު ހުރިހާ މަޝްރޫއެއް އެހުރީ ހުއްޓިފައިކަން ކުޅުދުއްފުށީގެ ރައްޔިތުން ހެކިވާނެ." އާތިފު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި އަހަރު ދައުލަތުގެ ބަޖެޓުން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ބްލޮކް ގުރާންޓުން ލިބުނު ފައިސާ 8.9 މިލިއަން ރުފިޔާ އަށް މަދުނަމަވެސް، ވޭތުވެ ދިޔަ ތިން އަހަރު އާމްދަނީ އިތުރުކުމަށް ކައުންސިލުން ކުރި މަސައްކަތުން އަހަރަކު 2.5 މިލިއަން ރުފިޔާގައި ހުރި ކައުންސިލްގެ އާމްދަނީ މިހާރު އަހަރަކު 13.9 މިލިއަން ރުފިޔާއަށް މަތިކުރެވިފައިވާ ކަމަށެވެ.
"މިއީ ކައުންސިލްގެ ގިނަ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭ މައިގަނޑު އެއް ސަބަބު." އާތިފު ވިދާޅުވި އެވެ.
ރައީސް ވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުން ބޭކާރު ހަރަދު ބައެއް ކައުންސިލު ކުރާ ކަމަށާއި ބައެއް ކައުންސިލްތަކުން އެ ފައިސާ ކަމެއް ނުކޮށް ރައްކާކޮށްގެން އުޅޭ ކަމަށް ވެސް ވިދާޅުވި އެވެެ. ރައީސް ވިދާޅުވީ ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުތަކުގެ ނަމުގައި ބޭރު ގައުމުތަކަށް ދަތުރުކުރާ އިރު، އެކަމުން ރައްޔިތުންނަށް ލިބޭ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.