Last Updated: June 11, 06:42
Thursday, June 11, 2026
މުނިފޫހިފިލުވުން

ދިޕިކާގެ ފުރަމޭގައި ޓިއުމަރެއް!

އިންޑިއާގެ ޓީވީ ބަތަލާ ދިޕިކާ ކައްކަރްގެ ފުރަމޭގައި ޓިއުމަރެއް އުފެދި، ސާޖަރީއަކަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނަގެ ފިރިމީހާ އެކްޓަރު ޝުއައިބް އިބްރާހީމް ބުނެފި އެވެ.

ޔޫޓިއުބް ވީޑިއޯއެއްގައި އެކަން ހިއްސާކޮށް އަންހެނުންނަށް ކުރިމަތިވި ކުއްލި ސިއްހީ ހާލަތުގެ ސަބަބުން އާއިލާ އަށް ބޮޑު ޝޮކެއް ލިބިފައިވާ ކަމަށް ޝުއައިބް ބުންޏެވެ. އޭނަ ބުނި ގޮތުގައި އަންހެހުންގެ ފުރަމޭގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ މި މަހުގެ ކުރީކޮޅު އެވެ.

އެގޮތުން ދިޕިކާގެ ބަނޑުގައި ރިއްސާތީ އިންފެކްޝަނެއް އުފެދުނީ ކަމަށް ބަލައި، އާއިލީ ޑޮކްޓަރަށް ދެއްކުމުން އޭނަ ދިން ބޭހުން ވެސް ރަނގަޅު ނުވެ، ރިހުން ނުކެނޑި ދިގުލައިގެން ދާން ފެށުމުން ލޭގެ ޓެސްޓެއް ހަދައި ފަހުން ސީޓީ ސްކޭނެއް ހަދަން ޑޮކްޓަރު ލަފާ ދިން ކަމަށް ކަމަށް ޝުއައިބް ބުންޏެެ.

"އޭގެ ފަހުން އެނގުނީ ފުރަމޭގައި ޓިއުމަރެއް އުފެދިފައިވާކަން." ޝުއައިބް ބުންޏެވެ.

އޭނަ ބުނި ގޮތުގައި ދިޕިކާ މިހާރު އަންނަނީ އިތިރު ޓެސްޓަކެއް ހަދަމުންނެވެ. އަދި ޓިއުމަރުގެ ސަބަބުން ކެންސަރަށް މަގަފަހިވެދާނެތޯ ޔަގީންކޮށް ވީ އެން މެ އަވަހަކަށް ސާޖަރީ ހަދަން ނިންމާފައިވާ ކަމަށް ބުންޏެވެ.

ދިޕިކާ އަކީ "ސަސުރާލު ސިމަރު ކާ" ފަދަ މަޝްހޫރު ސިލްސިލާތައް ކުޅެފައިވާ ބަތަލާއެކެވެ. އޭނަ އެންމެ ފަހުން ކުޅުނު ސިލްސިލާ އަލީ ސްޓާ ޕްލަސް އިން 2019-2020 އަށް ދެއްކި "ކަހާ ހަމް، ކަހާ ތުމް" އެވެ. ދާދި ފަހުން ކަލާސް ޓީވީން ނިންމައިލި "ސެލެބްރިޓީ މާސްޓަޝެފް" ގައި ވެސް ދިޕިކާ ވާދަކޮޮށްފައިވެ އެވެ.

އޭނަ އަކީ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 12 ގައި ވާދަކޮށް އެ ޝޯ ކާމިޔާބު ވެސް ކޮށްފައިވާ މީހެކެވެ.

މަޝްހޫރު ފިލްމު "ބޯޑާ" ގެ ޑައިރެކްޓަރު ޖޭޕީ ދައްތާ 2018 ގައި ގެނެސްދިން ފިލްމު "ޕަލްޓާން" ގެ ރޯލެއް ވެސް ކުޅުނު ދިޕިކާ، 38، އާއި ޝުއައިބް، 37، ކައިވެނިކުރީ ވެސް އެ އަހަރު އެވެ. އެ ކައިވެންޏަށް ދަރިޔަކު ވެސް ލިބިފައިވާ އިރު، މިއީ ދިޕިކާގެ ދެވަނަ ކައިވެންޏެވެ.

ދެ ތަރިންގެ ފިރިހެން ދަރިފުޅުގެ އުމުރަކީ މިހާރު 3 އަހަރެވެ.