Last Updated: May 19, 10:52
Monday, May 19, 2025
ރިޕޯޓް

މަނިކުފާނީ ސުލްޠާނެއް ނޫނެވެ.

السلطان محمد الفاتح ވަރަށް ބޮޑު މިސްކިތެއް ބިނާ ކުރުމަށް އަމުރު ކުރެއްވި އެވެ. މި މަސައްކަތް ޙަވާލު ކުރައްވައިފައި ވަނީ ޢިމާރަތް ކުރުމުގެ ފަންނުގައި ވަރަށް ކުޅަދާނަ ރޫމީއަކު ކަމަށްވާ "إبسلانتي" އާއިއެވެ އޭނާގެ ބެލުމުގެ ދަށުން މިސްކިތް ޢިމާރަތް ކުރުމަށް އަމުރު ކުރެއްވި އެވެ. މީނާ އަކީ ބިނާ ކުރުމުގެ ފަންނަނުގައި ވަރަށް ކުޅަދާނަ މީހެކެވެ.

السلطان محمد الفاتح މިސްކިތް ޢިމާރަތް ކުރުމަށް ދެއްވި އިރުޝާދު ތަކުގެ ތެރޭގައި މިސްކިތުގެ ތަނބުތައް އުސްކޮށް ބެހެއްޓުމަށް އަމުރު ކުރެއްވި އެވެ. އެކަމުގެ ބޭނުމަކީ މިސްކިތުގެ ހައިބަތުކަމާއި ބޮޑުކަން ދެއްކުމަށެވެ. އަދި އުސްމިން ވެސް ކަނޑައެޅުއްވި އެވެ.

އެހެން ނަމަވެސް "إبسلانتي" ކޮންމެވެސް ސަބަބުތަކާ ހެދި، السلطان محمد الفاتح ގެ އިޒުނައެއް ނެތި ނުވަތަ މަސްވަރާ ކުރުމެއްނެތި މިސްކިތުގެ ތަނބުތައް السلطان محمد الفاتح ވިދާޅުވި ވަރަށްވުރެ ކުރުކުރިއެވެ. السلطان محمد الفاتح އަށް މިޚަބަރު ލިބިވަޑައިގަތެވެ. އަދި އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. އެއީ އެ ތަނބުތަކަކީ އެމަނިކުފާނު ވަރަށް ދުރުން ގެންނަވައިފައިވާ ތަނބުތަކެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި މިހާރު އެތަނބުތަކުގެ އެއްވެސް ބޭނުމެއް ނެތެވެ. އަދި އިސްވި ކޯފާގެ ބޮޑުކަމުން ތަބުތައް ބުރިކުރިކަމަށްޓައި މިޢުމާރުގެ އަތް ބުރިކޮށްލެއްވި އެވެ. އަދި އެ ކުރެވުނު ކަންތަކާ މެދު السلطان محمد الفاتح ހިތާމަފުޅު ކުރެއްވިއެވެ. ނަމަވެސް އޭރު ވަނީ ވަގުތު ފާއިތުވެފަ އެވެ.

ނަމަވެސް ބިނާރުވެރިޔާ އޭނާގެ ޙައްޤު ހޯދުމަށްޓަކައި އިސްތަންބޯލްގެ ޤާޟީ الشيخ صاري خضر چلبي އަރިހަށް ދިޔައެވެ. މި ޤާޞީ އަކީ ޢަދުލުވެރިކަމުގައި މަޝްހޫރު ޤާޟީއެކެވެ. ސުލްޠާނުގެ ފަރާތުން ލިބިގެންދިޔަ އަނިޔާއާއި ބެހޭ ގޮތުން ޝަކުވާ ކުރިއެވެ. ޤާޟީ އޭނާގެ ޝަކުވާ ޤަބޫލު ކުރައްވަން ލަހެއް ފަހެއް ނުކުރައްވައެވެ. ވަގުތުން ކޯޓަށް ޙާޟިރުވާން السلطان محمد الفاتح އަށް ޗިޓް ފޮނުވިއެވެ. ކޯޓަށް ޙާޟިރުވާން އަންގައިފައިވާ ދުވަހު السلطان محمد الفاتح ކޯޓަށް ޙާޟިރުވެވަޑައިގަތެވެ. އަދި ގޮޑީގައި އިށީނދެވަޑައިގަތުމަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނާ މުޚާޠަބުކޮށް ޤާޟީ ވިދާޅުވި އެވެ.

"އޭ ސުލްޠާނެވެ. މަނިކުފާނަކަށް އިށީނދެވަޑައިގަތުމުގެ ޙައްޤެއް ނެތެވެ. އަދި ކީއްތޯއެވެ. މަނިކުފާނުގެ ޚަޞްމުގެ ކައިރީގައި ހުއްޓިވަޑައިގަންވާށެވެ."

السلطان محمد الفاتح އެމަނިކުފާނުގެ ރޫމީ ޚަޞްމުގެ ކައިރީގައި ހުއްޓިވަޑައިގަތެވެ. ޤާޟީ السلطان محمد الفاتح ގެ މައްޗަށް ހުށަހެޅިފައިވާ ދަޢްވާ އެމަނިކުފާނަށް ސާފުކޮށް ދެއްވިއެވެ. އަދި ވިދާޅުވިއެވެ. އިސްލާމީ ޝަރިޢަތުގެ ދަށޫން ޤިޞާޞުގެ ގޮތުގައި މަނިކުފާނުގެ އަތްކެނޑުން ވާޖީބުވެއެވެ. ބިނާރަށް މި އަޑުއިވުމުން އޭނާގެ ބުއްދިފިލައި ދިޔަކަހަލައެވެ. އޭނާ ހީވެސް ނުކުރާފަދަ ޙުކުމެއް ޤާޟީގެ ފަރާތުން އަޑުއިވިގެން ދިއުމުން، މުޅީ މީހާ ތުރުތުރު އަޅައިގެން ދި އެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެންމެ ބޮޑު ވަރަށް ވެސް ޤާޟީ ޙުކުމް ކުރައްވީ އޭނާ އަށް ލިބުނު ގެއްލުމުގެ ބަދަލުގައި މާއްދީ ބަދަލެއް ނަގައި ދިނުމަށެވެ.

އަދި ވަރަށް އުނދަގުލުން ބަސްތައް ގުޅުވަމުން ޤާޟީއަށް ދަޢްވާ އިން ތަނަޒުލުވި ވާހަކަޔާ އޭނާ ބޭނުންވަނީ ލިބުނު ގެއްލުމަށް މާއްދީ ބަދަލެއް ކަމުގައި ބުންޏެވެ. ޤާޟީ ޙުކުމް ކުރެއްވީ އޭނާގެ މުޅި ޢުމުރަށް السلطان محمد الفاتح ބަދަލެއްގެ ގޮތުގައި ދިހަ ފައިސާ ފޮތި ދެއްވުމަށެވެ. އެހެން ނަމަވެސް السلطان محمد الفاتح ބަދަލެއްގެ ގޮތުގައި ކޮންމެ ދުވަހަކު ވެސް ވިހި ފައިސާ ފޮތި ދެއްވުމަށް ނިންމެވި އެވެ.

އެއީ ކޮންމެ ދުވަހަކު ވެސް އެމަނިކުފާނަށް ވިސްނާ ނުލާ އެކުރެއްވުމުގެ ކަންތަކަށް ނަދުމު ކުރެއްވުމުގެ ގޮތުންނެވެ. އަދި އެ ޙުކުމް ސަލާމަތް ވެވަޑައިގެންނެވިކަމަށްޓަކަ އެވެ. (المصدر:كتاب روائع من التاريخ العثماني ل أورخان محمد علي (صفحة ٤٩)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.