އިންޑިއާގެ މަޝްހޫރު އެކްޓަރު ކަމަލް ހަސަންގެ އާ ފިލްމު "ތަގް ލައިފް" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.
މި ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމެކެވެ. "ތަގް ލައިފް" އަކީ 1987 ގައި ގެނެސްދިން ކާމިޔާބު އެޕިކް ކްރައިމް ޑްރާމާ "ނަޔަކަން" އަށް ފަހު ކަމަލް ހަސަނާއި ރަތުނަމް އެކީގައ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.
ތަމަޅަ ބަހުން ހަދާފައިވާ މި ފިލްމު އަންނަ މަހުގެ 5 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ އިރު. "ތަގް ލައިފް" އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ގިނަ ބަހުރުވަތަކުން ގެނެސްދޭނެ އެވެ.
ގޭންގްސްޓާ އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގައި ވަރަށް ބޮޑު ކާސްޓެއް ހިމެނެ އެވެ. "ތަގް ލައިފް" އިިން ފެންނާނެ ތަރިންގެ ތެރޭގައި އިންޑިއާގެ ދެކުނާއި ބޮލީވުޑްގެ ތަރިންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަލީ ފަޒަލް. ޕަންކަޖް ޓްރިޕާތީ، ރޯހިތު ސަރަފް، ސާނިއާ މަލްއުތުރާ، މަހޭޝް މަންޖްރޭކަރް، ޓްރިޝާ ކްރިޝްނަން، ސިލަމްބަރަސަން، އަބިރާމީ، އަޝޯލް ސެލްވަން އަދި އައިޝްވާރިއާ ލެކްޝްމީ ހިމެނެ އެވެ.
"ދިލް ސޭ" އާއި "ރޯޖާ" އާއި "ގުރޫ" އަދި "ޔޫވާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ރަތުނަމްގެ އެންމެ ފަހުގެ ފިލްމަކީ ދެ ބަޔަކަށް 2022 އާއި 2023 ގައި ގެނެސްދިން "ޕޮނިޔިން ސެލްވަން" އެވެ.