Last Updated: May 19, 10:31
Monday, May 19, 2025
ރިޕޯޓް

ދަރަނިތައް އަދާކުރުމުގެ ތައުފީޤު ދެއްވާށި!

މާތް ﷲ ބަޔަކަށް ލޯބި ކުރައްވާ ނަމަ، އެ ބަޔަކަށް އިމްތިޙާނުތައް ކުރިމަތި ކުރައްވަ އެވެ. އެކަން ކަމަށް ރުހޭ މީހަކަށް އެކަލާނގެ ރުހިވޮޑިގަންނަވަ އެވެ. އެ ކަންކަމަށް ނުރުހޭ މީހަކަށް އެކަލާނގެ ރުހިވޮޑިއެއް ނުގަންނަވަ އެވެ. ދިމާވާ ކަންކަމަށް ކެތްތެރިވާން ޖެ ހެއެވެ. ހުރިހާ ކަމެއްގައި އެހީތެރި ކަމަށް އެދި ދަންނަން ޖެހެނީ އެކަލާނގެ ޙަޟްރަތުގަ އެވެ.

މާތް ﷲ އަހަރެމެންގެ ޙާލަތު ތަނަވަސް ޙާލަތަކަށް ބަދަލުކޮށް ދެއްވާނެ އެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެ އެވެ. (وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ) (سورة البقرة:280) މާނައީ:" އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައި މީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައި މީހުންނަށް (އެކަން) އެނގޭ ކަމުގައިވާ ނަމަ އެވެ."

ތިމާގެ މައްޗަށް ދަރަންޏެއް އޮތް ނަމަ އެދަރަނިން ސަލާމަތްކޮށް ދެއްވާތޯ އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަން ޖެހެ އެވެ. އަބޫ ދާވޫދު އަބީ ސަޢީދު އަލް ޚުދަރީ ގެ އަރިހުން ރިވާ ކުރައްވައިފައިވެ އެވެ. އެއްދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم މިސްކިތަށް ވެދެވަޑައިގަތެވެ. އަންޞާރިއްޔަ ބޭކަލަކު ކަމުގައިވާ أبو أمامة މިސްކިތުގައި އިންނަވަނިކޮށް ފެނިވަޑައިގަތެވެ.

އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ނަމާދު ވަގުތު ނޫން ވަގުތެއްގައި ކަލޭގެފާނު މިސްކިތުގައި އިންނަވަނިކޮށް ތިމަންކަލޭގެފާނަށް މިފެނިވަޑައިގަންނަވަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އޭ މާތް الله ގެ ރަސޫލާއެވެ! އަޅުގަނޑު ކަންބޮޑުވުންތަކާ ދަރަނިތަކުގެ ސަބަބުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނާ މުޚާޠަބު ކުރައްވައި ޙަދީޘް ކުރެއްވިއެވެ. ތިބާގެ ކަންބޮޑުވުންތަ ދުރުހެލިކޮށްދީ ދަރަނިތައް އަދާވެގެންދާނެ ބަސްތަކެއް ތިމަން ކަލޭގެފާނު، ކަލޭގެފާނަށް ދަސްކޮށް ދެއްވަން ހެއްޔެވެ؟ ވިދާޅުވި އެވެ.

ތިމަން ދެންނެވީމެވެ. އާދޭހެވެ! އޭ މާތް الله ގެ ރަސޫ ލާއެވެ! ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ތިބާ ހެނދުނާ ހަވީރު މިފަދައިން ކިޔާށެވެ. (اللهُمَّ إنِّي أعوذُ بكَ مِنَ الهَمِّ وَالْحَزنِ، وَمِنَ الْعَجزِ وَالْكَسلِ، وَالْجُبنِ، وَالْبُخلِ، وَمِنْ غَلَبةِ الدَّينِ، وقَهْرِ الرِّجالِ.) (ابن باز، فتاوى نور على الدرب لابن باز (٤٣٥/٣٤) أبو أمامة ވިދާޅުވިއެވެ. ތިމަން ކަލޭގެފާނު އެގޮތަށް ޢަމަލު ކުރެއްވީމެވެ. އަދި މާތް ﷲ ތިމަން ކަލޭގެފާނުގެ ކަންބޮޑުވުންތައް ދުރުކޮށް ދެއްވި އެވެ. އަދި ދަރަނިތައް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދެއްވި އެވެ.

އަލްއިމާމުއް ތިރުމިޒީ، އަބީ ވާއިލް علي رضي الله عنه ގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. މުކާތިބަކު އެކަލޭގެފާގެ އަރިހަށް އައިސް ދެންނެވި އެވެ. ތިމަން މި ވަނީ މުކާތިބަކަށްވުމަށް ނުކުޅެދިފަ އެވެ. މިކަމުގައި ތިމަންނާ އަށް އެހީތެރިކަން ފޯރުކޮށް ދެއްވާށެވެ.

علي رضي الله عنه ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ތިމަން ކަލޭގެފާނަށް ދަސްކޮށް ދެއްވައިފައިވާ ކަލިމަތަކެއް ތިމަން ކަލޭގެފާނު ތިބާއަށް ދަސްކޮށްދެއްވާނަމެވެ. ތިބާގެ ބޮލުގައި ފަރުބައެއް ވަރުގެ ދަރަންޏެއް އޮތްކަމުގައި ވިޔަސް މާތް ﷲ ތިބާއަށް އެ ދަރަނި އަދާކުރުމަށް މަގުފަހިކޮށްދެއްވާނެތެވެ.

ތިބާ މިފަދައިން ކިޔާށެވެ. (اَللَّهمَّ اكْفِني بِحَلَالِكَ عَنْ حَرَامِكَ وَأَغْنِنِيْ بِفَضْلِكَ عَمَّنْ سِوَاكَ) (أخرجه الترمذي (٣٥٦٣)، وأحمد (١٣١٩)، والبزار (٥٦٣)، والحاكم (١٩٧٣)
(މާތް ﷲ އަޅުގަނޑާ ތިބާގެ ދަރަނިތައް އަދާކުރުމުގެ ތައުފީޤު ދެއްވާށިއެވެ. އަދި މިއަޅާ އާއި ތިބާގެ ޙާލު އިސްލާޙުކޮށް ދެއްވާށި އެވެ!)

ނޯޓް: މިއީ ޝައިހް މޫސާ އަންވަރު ހަސަންގެ ލިޔުމެކެވެ.