Last Updated: May 19, 10:09
Monday, May 19, 2025
ޚަބަރު

ސައުދީގެ ވަފުދުން ކަމާގުޅޭ މުއައްސަސާތަކާ ބައްދަލުކޮށްފި

މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް ރާއްޖެ ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަފުދުން ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގަ އެެވެ. މި ބައްދަލުކުރެެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، ރާއްޖެގެ ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަކީލް، އިމިގްރޭޝަން ކޮންޓްރޯލާ ރިޓަޔާޑް މުޙައްމަދު ފަޞީޙް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

މީގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ އިސްބޭފުޅުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އިސްބޭފުޅުންނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުންނާއި މިއަހަރު ދިވެހި ޙައްޖުވެރިން ދަތުރުކުރާ މޯލްޑިވިއަންގެ އިސް ބޭފުޅުންނާއި ސަޢުދީ އެއާލައިންގެ އިސް ބޭފުޅުންވެސް ބައިވެރިވެލައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ވަނީ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ. މީގެ އިތުރުން ޙައްޖުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޙައްޖު ކޯޕަރޭޝަނުންވެސް ވަނީ މަޢުލޫމާތު ދެއްވާފަ އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވް ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވަނީ ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓު ފުރާ ދުވަސްކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.