Last Updated: June 22, 17:35
Sunday, June 22, 2025
ޚަބަރު

ގުޅީފަޅުގެ ޕްލޭނަށް ބަދަލު ގެނައީ ގޯތި ހަވާލުކުރުން އަވަސްކުރަން

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް - ފޮޓޯ: މިނިސްޓްރީ

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައީ ގޯތި ހަވާލުކުރުން އަވަސްކުރަން ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެސް މިއަދު ވަނީ އާ ލޭންޑް ޔޫސް ޕްލޭނެއް ގެޒެޓުކޮށްފައެވެ. އެ ޕްލޭނުގެ ދަށުން، މިހާރު ހިއްކާފައިވާ ބިމުން އާންމުންނަށް ހުރިހާ ގޯތިތަކެއް ދޫކުރަން ވަނީ ނިންމައިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ ގުޅިފަޅުގެ ލޭންޑް ޔޫޒް ޕްލޭން އެންމެ ފުރަތަމަ އިއުލާން ކުރެވުނީ 24 އޮގަސްޓް 2023 ގައި ކަމަށާއި އޭރުގެ ޕްލޭނުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހުންނަން ޖެހޭ މުހިއްމު ބައިތައް ނެތުމާއެކު އެ ޕްލޭން ބަދަލުކޮށް 27 އޮކްޓޯބަރު 2024 ގައި އާ ޕްލޭނެއް އިއުލާނުކުރެވުނު ކަމަށެވެ. އެ ޕްލޭނުގައި ސަރުކާރުން އިތުރަށް ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދު ހިމެނޭހެން ގޯތި ދިނުމަށް ނިންމައި ގުރުއަތު ނެގުން ވެސް ބޭއްވިކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.

ނަމަވެސް 24 އޮގަސްޓުގެ ޕްލޭނުގެ ދަށުން ގޯތި ލިިބުނު ބައެއް ފަރާތްތަކަށް އާ ޕްލޭނުގެ ދަށުން ގުރުއަތު ނެގުނު އިރު އަދި ނުހިއްކާ ނަމަވެސް ހިއްކުމަށް ޕްލޭނުކުރެވިފައިވާ ސަރަހައްދުން ގޯތި ލިބޭ ގޮތް ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުއްތަލިބު އިތުރަށް ވިދާޅުވީ، 24 އޮގަސްޓު 2023 ގެ ޕްލޭންގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ރެޖިސްޓްރީ ދޫކުރެވިފައިވުމާއެކު، 27 އޮކްޓޯބަރު 2024 ގެ ޕްލޭނުގެ ދަށުން ގޯތި ރެޖިސްޓްރީ ހެދުމަށް ދަތިވެގެން ގޮސްފައިވަނީ ކުރިން ރަޖިސްޓްރީ ދެވިފައިވާ ފަރާތްތަކަށް އަދި ނުހިއްކާ ސަރަހައްދުން ގޯތި ލިބޭގޮތަށް ގުރުއަތު ނެގިފައިވާތީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ގޯތިތަކުގެ ރެޖިސްޓްރީ ވީހާ ވެސް އަވަހަކަށް ދެއްވުން ކަމުގައިވުމާއެކު، ގުޅީފަޅުން ދޭން ކަޑައެޅި ހުރިހާ ގޯތިތަކެއް ހިއްކާފައިވާ ސަރަހައްދުން ދޭން ނިންމައި ޕްލޭނަށް ބަދަލު ގެނެވި މިހާރު ވަނީ ގެޒެޓުކުރެވިފައި ކަމަށެވެ.

މި ގެނެވުނު ބަދަލާއެކު، ކޮމާޝަލް، އިންސްޓިޓިއުޝަނަލް އަދި އެފަދަ އެހެން ބޭނުންތަކަށް ބޭނުންވާ ބިން، ހިއްކުމަށް ކަޑައަޅާފައިވާ ސަރަހައްދަށް ވަނީ ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ބަދަލު ގުޅީފަޅުގެ ގޯތި ލިބުނު ފަރާތްތައް ތަމްސީލުކުރައްވާ ޖަމިއްޔާއާ ހިއްސާކުރެވި ބިންތައް ދޭނެ ގޮތަކާމެދު ވަނީ މަޝްވަރާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މަސް ތެރޭގައި ގުރުއަތުލުން ބާއްވައި ގޯތިތަކުގެ ރަޖިސްޓްރީ ހަވާލުކުރެވޭނެ ކަމަށެވެ.

"މާތްﷲ ގެ އިރާދަފުޅާއެކު މި މަސްތެރޭ ގުރުއަތުލުން ބާއްވައި ބިންތަކުގެ ރަޖިސްޓްރީ ހަދާދޭން ފެށޭނެއެވެ. އަދި ސާވޭ ނިމުނުހާ އަވަހަކަށް ހަވާލު ކުރެވެން ހުރި ބިންތައް ބިމުގެ ވެރިފަރާތްތަކާ ހަވާލު ކުރެވޭނެއެވެ." މުއްތަލިބް ވިދާޅުވި އެވެ.

މިއީ ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބިމުގެ ރަޖިސްޓްރީ ހަދައި ގޯތި ހަވާލުކުރުން އަވަސްކުރުމަށް ގެނެވުނު ބަދަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.