މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްރިސްޓަލް ޕެލެސް އިން ހޯދައިފި އެވެ.
މިއީ ޕެލެސްގެ ތާރީހުގައި ވެސް އެޓީމުން ހޯދި ފުރަތަމަ ތަށްޓެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ 16 ވަނަ މިނެޓްގައި ޕެލެސްއަށް ކާމިޔާބުކޮށްދިނީ އެބެރޭޗީ އެޒޭ އެވެ. މިއީ ސިޓީގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް އެއްފަހަރުން ފޮނުވާލައިގެން އެޒޭ ކާމިޔާބުކުރި ގޯލެކެވެ.
ނަތީޖާ އެއްވަރުކޮށްލަން ސިޓީއަށް މެޗުގެ 36 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުނު ނަމަވެސް މަރްމޫޝް ފޮނުވާލި ޕެނަލްޓީ ޕެލެސްގެ ކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ.
މި މެޗުގައި މޮޅު ކުޅުމެއް ޕެލެސްގެ ފަރާތުން ފެންދިޔައިރު، ދެވަނަ ހާފުގެ ކުރީކޮޅު މުނޯޒް ޕެލެސްއަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރް ބެލުމަށްފަހު މުނޯޒް އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލު ވަނީ ކެންސަލްކޮށްފަ އެވެ.
ދެވަނަ ހާފުގައި ސިޓީން ގިނަ ބަދަލުތަކެއް ގެނެސްގެން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް އެޓީމަށް ވަނީ ޕެލެސްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.
އެފްއޭ ކަޕްގެ ފައިނަލުން ބަލިވުމުން ސިޓީން މި ސީޒަން ނިންމާލާނީ ހުސްއަތާ އެވެ.