މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ޙައްޖުވެރިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ޢަމަލީ މަސައްކަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން، ދިވެހި ޙައްޖުވެރިން ވެލާނާ އެއާޕޯޓުން ފުރުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާއަށް އެތެރެވުމަށް ފުރިހަމަ ކުރަން ޖެހޭ އިމިގްރޭޝަން ޕްރޮސެސް ފުރިހަމަ ކުރާނެ ކަމަށާއި މިއާއެކު ދިވެހި ޙައްޖުވެރިން ޖިއްދާ އެއާޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތުގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރިން މި މަހުގެ 26 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފްތިތާޙު ކުރުން 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޮންނާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މައްކާ ރޫޓު އިނީޝިއޭޓިވްގެ މަސައްކަތްތައް ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ އިސް ވަފުދެއް އިއްޔެ ވަނީ ރާއްޖެއަށް ވަޑައިގެންފަ އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްއަކީ ޙައްޖުވެރިންނަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަށް ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއާއި ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ބެއްލެވުމުގެ ދަށުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްްވައިގެން ކުރިއަށް ގެންދަވާ މަސައްކަތެކެވެ.