މިދިޔަ އަހަރު ފެށި ބަންކަރިން ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށްދާކަން،" ޝިމާދު ވިދާޅުވި އެވެ.
ބަންކަރިންގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު ކުރަމުންދާ ކަމަށްވެސް ޝިމާދު ވިދާޅުވި އެވެ.
ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.