ފަލަސްތީނުގެ ގާޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމާއި ރަހީނުން މިނިވަންކުރުމާ ގުޅޭ ގޮތުން ހަމާސް އާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުމަކަށް ދިޔުމުގެ މަޝްވަރާތައް ގަތަރުގެ ވެރިރަށް ދޯހާގައި ފަށައިފި އެވެ.
ހަމާސް އާއި އިޒްރޭލުން ވެސް ބުނެފައިވާ ގޮތުގައި މި މަޝްވަރާތައް ފަށާފައިވަނީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ހަމާސް އިން ވަނީ ހަމަލާތައް ގާޒާއަށް ދިނުން ހުއްޓާލުމުގެ މުހިއްމު ކަމާއި، ގާޒާއިން އިޒްރޭލު ސިފައިން ފޭބުމާއި އަދި ގާޒާއަށް އިންސާނީ އެހީ ވެއްދުމުގައި ހުރި ދަތިތައް ނައްތާލުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ.
މި މަޝްވަރާތައް ފަށާފައިވާއިރު އިޒްރޭލުން ވަނީ ގާޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ގާޒާއިން 300 މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މާޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.