Last Updated: May 19, 11:15
Monday, May 19, 2025
ޚަބަރު

ސަބްސިޑީ އަށް ކުރި ހޭދަ 21.2 ޕަސެންޓް ދަށްވެއްޖެ

މި އަހަރުގެ މިހާތަނަށް އައި އިރު ސަބްސިޑީގެ ގޮތުގައި ކުރި ހޭދަ ގާތްގަނޑަކަށް 21.2 ޕަސެންޓް ދަށްވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެތަމިން އާންމުކުރި"ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 8 ގެ ނިޔަލަށް މި އަހަރުގެ ތެރޭގައި ސަބްސިޑީއަށް ހޭދަކޮށްފައި ވަނީ ގާތްގަނޑަކަށް 1.0 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެހެންވެ މިއީ ގާތްގަނޑަކަށް 21.2 ޕަސެންޓްގެ ދަށްވުމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޓޫރިޒަމާ އެކު މު:ި ރާއްޖޭގެ މުޅި އިޤުތިޞާދަށް ވެސް އަންނަމުންދާ ކުރިއެރުމާ އެކި ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެ، 14.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދައުލަތުން ކޮށްފައިވާ ޚަރަދު ދަށްވެ، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ސާޕްލަސް 1.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގެ ނިޔަލަށް ބަޖެޓުގެ އޯވަރއޯލް ބެލެންސްގެ ގޮތުގައި ރެކޯޑްކޮށްފައި ވަނީ 2.4 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 35.8 ޕަސެންޓް މި މަހުގެ 8 އާ ހަމައަށް ލަށް ދައުލަތަށް ލިބިފައެވެ. އަދި އެއީ މިއީ މިދިޔަ އަހަރަށް ވުރެ 6.8 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ އާމްދަނީގެ 78.0 އިންސައްތަ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ޙިއްސާކުރާއިރު، މިއަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 11.1 ބިލިއަން ރުފިޔާ ލިބިފައެވެ. އެގޮތުން ޓެކްސް އާމްދަނީގެ 79.2 އިންސައްތައަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހާއި، ކޯޕަރޭޓް އިންކަމް ޓެކުހާއި، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީއެވެ.

އާންމު ފަރުދުންގެ ސިއްޙީ އަދި އިޖުތިމާޢީ ލާބައަށްޓަކައި ނިމިގެން ދިޔަ އަހަރު ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކާއެކު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށްވި ނަމަވެސް، ޓޫރިޒަމް ސިނާޢަތަށާއި، ޖުމުލަކޮށް މުޅި އިޤުތިޞާދަށް އަންނަމުންދާ ކުރިއެރުމާއެކީ އެހެނިހެން ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީ މިވަނީ އިތުރުވެފައެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ 6.8 އިންސައްތައިން އިތުރުވެފައިވާ އިރު، ކޯޕަރޭޓް އިންކަމް ޓެކުހުގެ އާމްދަނީ 4.6 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި މިއަހަރުގެ ތެރޭގައި ބަލައިގަނެފައިވާ އާމްދަނީއާ އެކު، ޓެކްސް-ނޫން އާމްދަނީ ވެސް ވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީއަށްވުރެ 36.6 ޕަސެންޓް އިތުރުވެފައިވެ އެވެ.

މި މަހުގެ 8 ގެ ނިޔަލަށް ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި މިއަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޢަދަދުގެ 25.0 ޕަސެންޓް ހޭދަވެފައިބެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.8 ޕަސެންޓް ދަށް އަދަދެކެވެ.

ނިމިގެންދިޔަ ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ހިނގާފައިވާ ޖުމުލަ ޚަރަދުގެ 91.7 ޕަސަންޓް ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑްކޮށްފައިވާއިރު، ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު މި މުއްދަތުގެ ތެރޭގައި 7.9 ޕަސެންޓަށް އިތުރުވެފައިވީ ނަމަވެސް، ދައުލަތުގެ ހިންގުމުގެ ޚަރަދު އެފިޝަންޓްކުރުމަށް މިއަހަރުގެ ތެރޭގައި ކުރެވެމުންދާ މަސައްކަތްތަކާއެކު ޖުމުލަ ރިކަރަންޓް ޚަރަދު ވަނީ، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 5.2 ޕަސެންޓް ދަށް ކުރެވިފައިވެ އެވެ.

އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާއެކީ، ސަބްސިޑީ އަށް ދައުލަތުގެ ބަޖެޓުން ކުރާ ޚަރަދު ވަނީ 21.2 ޕަސެންޓް ދަށްވެފައިވެ އެވެ.

އަދި މިއަހަރުގެ ތެރޭގައި ކެޕިޓަލް ޚަރަދާ ގުޅޭ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، ނިމިގެންދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި، ބޮޑެތި އުމްރާނީ މަޝްރޫޢުތަކަށް ހިނގާފައިވާ ފޮރިން ޑިސްބަރސްމަންޓްތައް އިތުރުވެފައިވުމުގެ ސަބަބުން، ޖުމުލަ ކެޕިޓަލް ޚަރަދު ވަނީ، ފާއިތުވި އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު 73.2 ޕަސެންޓަށް ދަށްކުރެވިފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.