Last Updated: June 11, 06:42
Thursday, June 11, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމުގެ ޝޫޓިން ޖުލައިގައި

ޑައިރެކްޓަރު އަޕޫރްވާ ލާކިއާއާ އެކު ސަލްމާން ޚާން މަަސަައްކަތްކުރާ ފުރަތަމަ ފިލްމުގެ ޝޫޓިން އަންނަ ޖުލައި މަހުގެ ތެރޭގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ގާތްގަނޑަކަށް 70 ވަރަކަށް ދުވަހަށް ދެމިގެންދާ ޝޫޓިން ޕްލޭންކޮށްފައިވާ މި ހަނގުރާމަ ފިލްމުގެ މައިގަނޑު މަންޒަރުތައް ނަގާނީ މުމްބާއީގެ އިތުރުން ލަޑާކްގައި ކަމަށެވެ. އަދި ސަލްމާނާ އެކި ފިލްމުގައި ޒުވާން ތިން އެކްޓަރަކު ވެސް ހިމެނޭނެ ކަމަށާއި އެ އެކްޓަރުން ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ނޫހުން ބުންޏެވެ.

އަޕޫރްވާގެ ފިލްމަކަށް ސަލްމާން އެއްބަސްވި ވާހަކަ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އޭރު ބުނެފައިވާ ގޮތުގައި ނަން އަދި ފައިނަލް ނުކުރާ މި ފިލްމަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ.

އެ ފޮތް ބިނާކޮށްފައި އޮތީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވަން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށެވެ. އެހެންވެ އަޕޫރްވާގެ ފިލްމު ވާނީ އަސްކަރީ އޮފިސަރެއްގެ ރޯލު ސަލްމާން ކުޅޭނެ ފިލްމަކަށެވެ.

އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މާޗް މަހު ރިލީޒްކުރި އެކްޝަން ފިލްމު "ސިކަންދަރު" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޕޫރްވާގެ ފިލްމަށް ސަލްމާން އެއްބަސްވީ އޭނައާ އެކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ދެ ޑައިރެކްޓަރެއްގެ ފިލްމުތަކަކުން ލިބުނު ފުރުސަތުތަކެއް ދޫކޮށްލުމަށް ފަހު އެވެ. އެ ދެ ޑައިރެކްޓަރުންގެ އެކަކީ ސަލްމާންގެ "ސުލްތާން" އާއި "ޓައިގާ ޒިންދާ ހޭ" އަދި "ބާރަތު" ގެނެސްދިން އަލީ އައްބާސް ޒަފަރެވެ.

އަނެއް ޑައިރެކްޓަރަކީ ސަލްމާނާ އެކު "އޭކް ތަ ޓައިގާ" އާއި "ބަޖްރަންގީ ބައިޖާން" ގެނެސްދިން ކަބީރް ޚާނެވެ.

އަޕޫރްވާއާ އެކު އަލަށް މަސައްކަތް ކުރަން ސަލްމާން ނިންމި އިރު، އޭނަ އަކީ މާ މަޝްހޫރު އަދި އެހާ ކާމިޔާބު ޑައިރެކްޓަރެއް ވެސް ނޫނެވެ. "އޭކް އަޖުނަބީ" އާއި "ޝޫޓްއައުޓް އެޓް ލޯކަންދުވާލާ" އާއި "މިޝަން އިސްތަންބޫލް" އާއި "ޒަންޖީރު" ފަދަ ފިލްމުތައް ގެނެސްދިން އަޕޫރްވާގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "ހަސީނާ ޕަރްކާރް" އެވެ.