ބޮޑު އީދު ކުގަދަކޮށް ފާހަގަކުރަން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "އައްޑޫ އީދި ސަމާ 1446" ގެ ތެރެއިން މާލި ޕެރޭޑެއް ބާއްވަން ނިންމައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލުން މާލި ޕެރޭޑް ބާއްވަން ނިންމާފައި ވަނީ ހުޅުދޫގައި ކަމަށެވެ. އެހެންވެ އޭގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މާލި ޕެރޭޑްގައި ބައިވެރިވާން ނަން ނޯޓް ކުރަން ގުޅެމް ޖެހެނީ މި ނަމްބަރު 7789046 އަށެވެ. އަދި އެ ހަރަކާތާ ގުޅޭ އިތުރު މައުލޫމާތު ހުޅުދޫ އަވަށު އޮފީހުގެ ނަންބަރު 6894655 އިން ހޯދޭނެ އެވެ.
ކައުންސިލުން ބުނީ މާލި ޕެރޭޑް ޕެރޭޑުގައި އިޖުތިމާއީ މިންގަނޑާއި ޙިލާފުވާ އެއްވެސް އަމަލެއް ހިންގައިގެން ނުވާނެ ކަމަށާއި ޕެރޭޑަށް ހެދުން އެޅުމުގައި ވެސް އަމަލު ކުރަން ވާނީ އިޖުތިމާއީ މިންގަނޑަށް ފެތޭ ގޮތަށެވެ.
ބޮޑު އީދު ފާހަގަ ކުރަން އައްޑޫގައި މާލި ޕެރޭޑެއް ބާއްވާ އިރު، ރާއްޖޭގައި މާލި ޕެރޭޑަށް އެންމެ މަޝްހޫރު ތަނަކީ ކުޅުދުއްފުއްޓެވެ. އެ ސިޓީގައި ބޭއްވި ބައެއް މާލި ޕެރޭޑްތަކުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅޭ ބައެއް ފަރާތްތަކަށް ހަޖޫ ޖަހައި އަދި ސިޔާސީ ދާއިރާ އާއި ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ޖޯކް ޖަހާފައިވެ އެވެ.
މިކަމާ ގުޅިގެން ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.
"އައްޑޫ އީދި ސަމާ" ގެ ހަރަކާތްތައް އައްޑޫގެ ހުރިހާ އަވަށެއްފައި ބާއްވަން ހަމަޖެހިފައިވާ އިރު، މީގެ ތެރޭގައި ތަފާތު އެކިއެކި މުބާރާތްތައް ވެސް ހިމެނެ އެެވެ. "އައްޑޫ އީދި ސަމާ 1446" ކުރިއަށް ގެންދަން ނިންމާފައި އޮތީ އަންނަ މަހުގެ 5-13 އަށެވެ.