Last Updated: May 19, 11:15
Monday, May 19, 2025
ޚަބަރު

އައިއެސްއޯގެ 2 ސެޓްފިކެޓްއެއް އައިޔޫއެމަށް

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ސްޓޭންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ދެ ސެޓްފިކެޓެއް ލިބިއްޖެ އެވެ.

އެ ތަނަށް ލިބުނު ދެ ސެޓްފިކެޓްގެ ތެރޭގައި ހިމެނެނީ "އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް ސެޓިފިކޭޝަން" އާއި "އައިއެސްއޯ 21001:2018 އެޑިޔުކޭޝަނަލް އޯގަނައިޒޭޝަންސް" އެވެ.

އައިއެސްއޯ އަކީ ބައިނަލްއަގުވާމީ ފެންވަރުގައި، އެކި ދާއިރާތަކާ ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޤާއިމުކުރެވިފައިވާ ޖަމިއްޔާއެކެވެ. އެގޮތުން ޖުމްލަ 174 ޤައުމެއްގެ ތަޖުރިބާކާރުން ބައިވެރިވާ މި ޖަމިއްޔާގައި، އެކި ދާއިރާތަކާއި ގުޅޭ މިންގަނޑުތަށް ކަނޑައެޅުމަށް ޖުމްލަ 823 ޓެކްނިކަލް ކޮމިޓީއެއް އެކުލަވާލާފައިވެ އެވެ.

އައިޔޫއެމަށް ލިބުނު މި ކާމިޔާބީއާ ގުޅިގެން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. ޢަލީ ޒާހިރު ވަނީ މިއީ މިފަދަ ސެޓްފިކެޓްތަކެއް ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒަކަށް ލިބުނު ފުރުތަމަ ފަހަރުކަން ފާހަގަ ކުރައްވައިފަ އެވެ.