Last Updated: May 19, 10:31
Monday, May 19, 2025
މުނިފޫހިފިލުވުން

ޝްރަދާ ސޮއިކުރި އަގުބޮޑު ފިލްމު ދޫކޮށްލައިފި

އިންޑިއާގެ ބަތަލާ ޝްރަދާ ކަޕޫރް މިހާތަނަށް އެންމެ ބޮޑު ފީއަކަށް ސޮއިކުރި ފިލްމުން އޭނަ މިގާރު ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން މި މަހުގެ ކުރީކޮޅު ރިޕޯޓްކޮށްފައިވާ ގޮތުގައި އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާހީ އަނިލް ބަރްވޭ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ތުރިލާ އަށް ހުނަރުވެރި ބަތަލާ ސޮއިކުރީ 17 ކްރޯޑް ރުޕީސް (2.01 މިލިއަން ޑޮލަރު) އަށެވެ. އަދި އެ ފިލްމަށް ޝްރަދާ އެއްބަސްވީ ފިލްމު ސިނަމާތަކަށް ގެނެސްގެން ބޮކްސް އޮފީހުގައި ލިބޭ އާމްދަނީން ވެސް ހިއްސާއެއް ބައިއަޅާ ގޮތަށެވެ.

ނަމަވެސް ޚަބަރުތައް މިހާރު ބުނާ ގޮތުން ޝްދަރާ އަށް ފިލްމު ދޫކޮށްލަން މަޖުބޫރުވީ ފީ އާއި ފައިދާ އިން ބައި އެޅުމާ މެދު ހިޔާލު ތަފާތުވެ، ކުރިމަތިލާން ޖެހުނު ނުތަނަވަސްކަމާ ހެދި އެވެ. ޕީޕީންމޫން އިން ބުނި ގޮތުގައި 17 ކްރޯޑް ފީއެއް އަށް ދިނުމުގެ އިތުރަށް ފައިދާ އިން ބައި އެޅުމާ މެދު އެކްތާ އެއްބަސްވުމަކަށް ދާން ދެކޮޅު ހެދުމުން ޝްރަދާ ފިލްމު ދޫކޮށްލީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ އެކްތާ ޕްރޮޑިއުސްކޮށްފައިވާ ދެ ފިލްމެއް ކުރިން ވެސް ޝްރަދާ ކުޅެފައިވާކަމެވެ. އެއީ 2014 ގެ "އޭކް ވިލަން" އާއި 2017 ގެ "ހާފް ގާލްފްރެންޑް" އެވެ.

ފީގެ މައްސަލައިގައި ކުނި ޖެހުމާ ގުޅިގެން އެކްތާގެ އާ ފިލްމު ޝްރަދާ ދޫކޮށްލި އިރު، އޭގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރުގައި ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވެ އެވެ. ރަސްމީކޮށް އަދި އިއުލާންކޮށްފައި ނުވާ އެ ފިލްމުގެ ޑައިރެކްޓަރު އަނިލް އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2018 ގެ ބިރުވެރި ފިލްމު "ތުމްބަޅް" ގެ ޑައިރެކްޓަރެވެ.

ޝްރަދާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު ހިޓް ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ 2" އެވެ.