ކާޅާއި ވާލުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލުތަލކެއް ހޯދުމާ ގުޅޭ ގޮތުން އެގްރިކަލްޗަ މިނިސްޓްރީން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެކު މަޝްވަރާކޮށްފި އެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށް ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަން މިނިސްޓްރީން ފާހަގަކުރި އެވެ. އެހެންވެ އެކަމަށް ހައްލު ހޯދުމަށް، އީޕީއޭއާ ގުޅިގެން ކާޅާއި ވާލުގެ ދުއްތުރާތަކުން ދަނޑުތައް ސަލާމަތް ކުރުމަށް، އެ ތަކެތި މެނޭޖު ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ބައްދަލުވުމުގައި އީޕީއޭ އިން ވަނީ ކާޅާއި ވާލުގެ އަދަދު ބަލައި އެއަށް ފަހު އެޅިދާނެ ރަނގަޅު ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށް ބުނެފަ އެެވެ. އެ އިދާރާ އިން ބުނީ ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ، ކޮންޓްރޯލްކޮށްގެން އުނިކުރުން ކަމަށް ވިސްނިދާނެ ކަމަށެވެ. އެކަމަކު އެއީ އެންމެ ފަހު ކަމަކަށް ކުރަން ޖެހޭ ކަން ކަމަށް ބުންޏެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ މަގުސަދަކީ ދަނދުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ރައްކާތެރި މާހައުލެއް ހޯދައިދީ އާންމު ސަލާމަތްތެރިކަން ޔަޤީންކޮށް، ރަނގަޅަށް މަޢުލޫމާތު ލިބިގެން ރޭވުންތެރިކަމާ އެކު ކަންކަން ބައްޓަން ކުރުމަށެވެ.
ދަނޑުވެރިންނަށް ކާޅުގެ ސަބަބުން ގެއްލުންވަމުންދާ އިރު، ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަށް މި ވަގުތު ކުރިމަތިލާން ޖެހިފައި އޮތް އެންމެ ބޮޑު ބިރަކީ ކުރިން ކާޅު އެއްވެސް ވަރަކަށް ކާޅު ނޫޅޭ އެ ސިޓީގައި ކާޅު އިތުރުވެ، އައްޑޫގެ ރަމްޒެއް ކަމަށްވާ އަދި ހިމާޔަތްކޮށްފައިވާ ދޮންދީނީގެ އަބާދީ އަށް އަސަރު ކުރަމުން ދިއުމެވެ.
ދާދި ފަހުން މިނިސްޓަރު މަރްޔަމް މާރިއާ ވަނީ ކާޅާއި ވާލާ އެކީ އުޅެން ދަސްކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރުގެ އެ ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައިވެ އެވެ.