މާލޭގައި ހިންގި ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 7 ވަނަ ބުރު ނިންމާލައިފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަރަފުވެރިކޮށް ދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރުއަހުމަދު އަބްދުއްރަހްމާނެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ މާލޭ ކެމްޕަހުގައި ކުރިއަށް ގެންދިޔަ ކޯހުގައި، ސްޕެޝަލް ކޮންސްޓަބުލަރީ 25 ފުލުހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން 16 ފުލުހުންނާއި އަންހެން ނުވަ ފުލުހުންނެވެ.
ކޯހުގައި ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރުތަކާއި އިލްމު އުނގަންނައި ދީފައިވެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 13 އިން މި މަހުގެ 8 އަށް ކުރިއަށް ގެންދިޔަ ކޯހުގައި، ފިޒިކަލް ޓްރެއިނިން އެންޑް ލައިފް ސްޓައިލް ފިޓްނެސް، ޑްރިލް، ޔޫސް އޮފް ފޯސް އެންޑް ޑިފެންސިވް ޓެކްނިކްސް، ބޭސިކް ފަސްޓް އެއިޑް، ބޭސިކް ފަޔަރ ކޮންޓްރޯލް، ލޯ އެންޑް ޕްރޮސީޖްރަލް ނޮލެޖް، ކޮމިއުނިކޭޝަން ސްކިލްސް، ބޭސިކް ޕޮލިސިންގ ސްކިލްސް އަދި ސެކިއުރިޓީ ސްކިލްސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 6 ވަނަ ބުރު މިދިޔަ މަހު ވަނީ އައްޑޫގައި ނިންމާލައިފަ އެވެ.