Last Updated: May 20, 09:16
Tuesday, May 20, 2025
މުނިފޫހިފިލުވުން

'ލޯބިން' ގެ ކާސްޓް ގެސްކޮށްލަމާ!

ކާސްޓުން ސިއްރުކޮށްގެން ޝޫޓިން ކުރިއަށް ގެންދާ އައި ފިލްމްސްގެ އާ ފިލްމު "ލޯބިން" ގެ މައިގަނޑު ކާސްޓުންނަކީ ކޮބައިކަން ގެސްކޮށްލަން ފުރުސަތެއް ދީފި އެވެ.

އެ ސްޓޫޑިއޯ އިން ވަނީ ފިލްމުގެ ފަސް ކާސްޓަކު އެ މީހުންގެ މޫނު ފޮރުވައިގެން ތިބޭ ފޮޓޯއެއް ސޯޝަލް މީޑިއާ އަށް ދޫކޮށްލައިފަ އެވެ. އޭގައި އައި ފިލްމްސް އިން ބުނީ އެ އެންމެންނަކީ ވެސް ބެލުންތެރިންނަށް އެނގޭނެ ތަރިންތަކެއް ކަމަށާއި އެހެންވެ އެއީ ކޮން ބައެއް ގެސްކޮށްލަން އެދޭ ކަމަށެވެ.

ފޮޓޯގައި ފެންނަނީ ތިން އެކްޓަރަކާއި ދެ ބަތަލާއެކެވެ. އެއް ބަތަލާ އިންނަނީ ބުރުގާ ވެސް އަޅައިގެންނެވެ.

"ލޯބިން" ގެ ޝޫޓިން ފެށުމުގެ ކުރިން މި ފިލްމުގެ ރޯލުތަކެއް ކުޅޭނެ އާ މޫނުތަކެއް ވެސް ހޯދަން އައި ފިލްމްސް ކާސްޓިން ކޯލަކަށް ހުޅުވައިލި އެވެ.

މި މަހުގެ 1 ގައި ޝޫޓިން ފެށި މި ފިލްމަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ލޯބީގެ ފިލްމެކެވެ. އޭނަ އަކީ "ބަވަތި" އާއި "ނީނާ" އަދި "ފްރީ ޑެލިވަރީ" ވެސް ގެނެސްދިން ޑައިރެކްޓަރެވެ. އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

އޭނަގެ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން" މަސައްކަތް މިހާރު ބާރަށް ކުރިއަށް ދިޔަ ނަމަވެސް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް މިހާތަނަށް ދީފައެއް ނުވެ އެވެ. އެހެންވެ ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނެ އިރެއް ވެސް އަދި ނޭނގެ އެވެ.

"ލޯބިން" އަކީ އައި ފިލްމްސް އާއި އިންޑިޖީނިއަސް ވިޝުއަލް ފެކްޓްރީ އާއި ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.