ބީއެމްއެލް އިސްލާމިކްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލަގްޒަރީ ރިސޯޓެއް އެއްކޮށް ތަރައްގީކުރުމަށް ޝަރީއާ ކޮމްޕްލަޔަންޓް އިސްލާމިކް ފައިނޭންސިންގް ހަމަޖައްސައިފި އެވެ.
ބީއެމްއެލް އިން ބުނީ އެ ފައިނޭންސިން ފެލިސިޓީ ދޫކޮށްފައި ވަނީ އެލިއާ ގްރޫޕާއި ރާއްޖޭގައި ނުވަ ރިސޯޓް ހިންގާ ބައިނަލްއަގުވާމީ ކުންފުނި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނި ސެންޓޯރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ރިސޯޓަކީ 118 ކޮޓަރީގެ ފަސް ތަރީގެ ރިސޯޓެއް ކަމަށާއި ރިސޯޓް ތަރައްގީ ކުރާނީ މާލެ އަތޮޅުގެ ފަޅެއްގައި ކަމަށްވެސް ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.
"މިއީ ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް ޕްރޮޖެކްޓް އެކަންޏެއް ނޫން. މިއީ ރާއްޖޭގައި ޝަރީއާ ހަމަތަކާ އެއްގޮތަށް މުޅިން ފައިނޭންސް ކުރެވޭ ފުރަތަމަ އިސްލާމިކް ރިސޯޓް ފައިނޭންސިން ވެސްމެ. އަދި މިއީ ކޯޕަރޭޓް ސެކްޓާގައި އިސްލާމިކް ފައިނޭންސިން އިންސްޓްރޫމަންޓްތަކަށް އޮތް ޑިމާންޑް އިތުރުވަމުންދާކަން ދައްކުވައިދޭ ކަމެއް." ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، އެ ފެސިލިޓީ އާއެކު ރާއްޖޭގެ މާލީ ދާއިރާގައި އެ ބޭންކުން އަދާކުރަމުން އަންނަ ދައުރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ. އަދި މިކަމުން ޒިންމާދާރު ބޭންކިންގެ އަސާސްތައް ދެމެހެއްޓުމާއެކު އީޖާދީ ބޭންކިން ހިދުމަތެއް ފޯރުރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާނެ ކަމަށްވެސް ބުންޏެވެ.