އިންޑިއާގެ ހައިދަރުއާބާދުގެ އިމާރާތެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެއްޖެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ހައުދަރުއާބާދުގެ ތާރީހީ ޗަމިނާރު މޮނިއުމަންޓް ސަރަޖައްދުގައި ހުރި އިމާރާތެއްގަ އެވެ. އެއީ ތިރީ ބައިގައި ގަހަނާ ވިއްކާ ފިހާރައެއް ހިންގާ އަދި މަތީ އަނެއް ދެ ފްލޯގައި މީހުން ދިރިއުޅޭ އިމާރާތެކެވެ.
ޓެެލަންގާނާ ސްޓޭޓްގެ ފަޔާ ސާވިސެސްގެ ޑިރެކްޓަ ޖެނެރަލް ވައި ނާގީ ރެޑީ މީޑިއާތަކަށް ވިދާޅުވީ ތިން ބުރީގެ އިމާރާތުގައި ރޯވި އިރު، އެތަނުގައި 21 މީހަކު ތިބި ކަމަށެވެ. ހާދިސާގައި 17 މީހަކު މަރުވި، އަނިޔާވި އިތުރު މީހުންނަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ރެޑީ ވިދާޅުވި ގޮތުގައި އިމާރާތުގައި ރޯވެ، ގިނަ ބަޔަކު މަރުވާން ދިމާވީ އިމާރާތުން ނުުކުމެވޭ ގޮތަށް ހުރީ އެންމެ ދިމާލަކުން ކަމަށްވެފައި އިމާރާތުގެ ސިޑިތައް ވެސް ހަނިކަމުން ސަލާމަތްވާން ކުރިމަތިވި ހުރަސްތަކާ ހެދި ކަމަށެވެ.
އިމާރާރުގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލްކޮށްފައިވާ އިރު، މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގަން ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގޮވާލައްވައިފަ އެވެ. މޯދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ވަރަށް ވެސް ހިތާމަވެރި ހާދިސާއެއް ކަމަށާއި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
އިމާރާތުގައި ރޯވާން ދިމާވި ސަބަބެއް އަދި މިހާތަނަށް ސާފެއް ނުވާ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.