ރާއްޖޭގެ އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް މަޝްރޫޢު އަށް (އާރްޓީއެލް ފެރީ ޕްރޮޖެކްޓް) 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އިންޑިއާ ސަރުކާރުގެ "ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓްޕްރޮޖެކްޓްސް" ގެ ދަށުން ދޭ މި އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާއި، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ބާލަ ސްބަރަމާނިއަމް އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި އެހީގެ ފައިސާ ބޭނުންކުރާނީ ރާއްޖޭގެ އެކި ސަރަޙައްދުތައް ކަނޑު ދަތުރުފަތުރުން ގުޅުވާލުމަށް ޤާއިމުކުރެވޭ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަށް ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި އަތޮޅުތަކުގެ މެދުގައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވެ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަމުން މިނިސްޓަރު އަމީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ފެރީ ޓާމިނަލްތައް ޤާއިމުކުރެވި، އަދި ރަނގަޅު ފެންވަރުގެ އުޅަނދުފަހަރު ގަނެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިންޑިއާގެ ސަފީރު ބާލަ ސްބަރަމާނިއަމް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށް އެހީތެރިވުމަކީ އިންޑިއާ އިން އަބަދުވެސް އިސްކަންދޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.