މިދިޔަ އަހަރު ފެށި ބަންކަރިން ހިދުމަތުން ހޯދަމުންދާ ކާމިޔާބަކީ އެ ސިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ. ބަންކަރިން ހިދުމަތުން 124 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެސްޓީއޯ އިން ރޭ ވަނީ ބުނެފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ސަރުކާރުން މި މުހިއްމު ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރެވެމުންދާ ކަމަށާއި އަދި އިންޓަނޭޝަނަލް ބަންކަރިންގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިކުން ފުނިތަކާއިއެކު މުހިއްމު މަޝްވަރާތައްވެސް ކުރެވެމުންދާ ކަމަށެވެ.
"އިގްތިސާދު ޑައިވާސިފައި ކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އެންމެ މުހިންމުމު އެއް މަސައްކަތް. މުޅިން އަލަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރީން އެސްޓޯއިން ފެށި މި މަސައްކަތުގައި ހޯދަމުންދާ ކާމިޔާބަކީ މި ސިނާއަތުގެ މުސްތަގްބަލަށް ކުރެވޭ ވަރަށް ބޮޑު އުއްމީދެއް،" ސައީދު ވިދާޅުވި އެވެ.
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ރޭ ކުންފުނީގެ އަހަރީ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ހަރަކާތްތައް ކޮންމެވެސް ވަރަކަށް ދަށް ނަމަވެސް މާލެ ސަރަހައްދުގައި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދަށް އައި ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ލައިނާގެ ކްރޫސްލައިނާއަކަށް އެ ކުންފުނިން ހިދުމަތް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
"މީގެން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ އަޅުގަނޑުމެންނަށް ބައިނަލްއަގުވާމީ ބޮޑެތި ޝިޕިން ލައިނާތަކުގެ ކޮންފިޑެންސް ލިބިފައިވާކަން. އަދި އަޅުގަނޑުމެން ހިންގާ ޓްރާންސެކްޝަންތައް ރަނގަޅަށްދާކަން،" ޝިމާދު ވިދާޅުވި އެވެ.
ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.