ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ގެ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރައުދުގެ ބަންދު ހަތަރު ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ. ފުރަތަމަ ފަހަރު ފަސް ދުވަހަށް، ދެވަނަ ފަހަރު 10 ދުވަހަށް އަދި ތިންވަނަ ފަހަރަށް އޭނާގެ ބަންދަށް ކޯޓުން ދިނީ ފަސް ދުވަހެވެ. އަދި މީގެ ތިން ދުވަސް ކުރިން ރައުދުގެ ބަންދަށް ވަނީ 20 ދުވަސް ޖަހައިފަ އެވެ.
ރައުދުގެ ފަރާތުން އިސްތިއުނާފްކޮށްފައިވަނީ އޭނާ ފަސް ދުވަހަށް ބަންދު ކުރަން މި މަހު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެވެ.
އެ އަމުރު އިސްތިއުފާން ކުރި ސަބަބުތަކުގެ ތެރޭގައި ފުލުހުން ހުށަނާޅާ މާއްދާއަކާ ހަވާލާދީ ރައުދުގެ ބަންދުގެ މުއްދަތު ޖެހުމާއި އާ ހެއްކެއް ހުށަހަޅާފައި ނެތީސް ހެކީގެ ނިސްބަތް ދަރަޖަ މަތިކުރުން ހިމެނެ އެވެ.
މި މައްސަލަ ހައިކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން މެލޭޝިއާގައި އޭނާ ފަރުވާ ހޯދަމުން އަންނައިރު، ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިކަން ޔުމްނުގެ އާއިލާ އިން ދޮގުކުރެ އެވެ.