Last Updated: July 5, 15:24
Saturday, July 5, 2025
ދުނިޔެ

ބައިޑެން އަށް ކެންސަރު ޖެހިއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން އަށް ޕްރޮސްޓޭޓް ކެންސަރު ޖެހިއްޖެ އެވެ.

ބައިޑެންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި ކެންސަރު ބައިޑެންގެ ކަށިތަކަށް މިހާރު ފެތުރިފައިވާ ކަމަށާއި މިކަން އެނގުނީ މިދިޔަ ހަފްތާގައި ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުން ކަމަށެވެ. އަދި ޑޮކްޓަރުންގެ ލަފަޔާއެކު ކެންސަރަށް ފަރުވާ ހޯދުމުގެ މަސައްކަތް ފެށުމަށް ބައިޑެން މަސައްކަތް ކުރަމުންދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބައިޑެން އަށް ކެންސަރު ޖެހުނު ހަބަރު އާންމު ކުރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާ ހިތާމަފާޅުކޮށް، އަވަސް ޝިފާއަކަށް އެދިވަޑައިގެންފަ އެވެ.

ބައިޑެން ،82، ވެރިކަމުގައި ހުންނެވި ދުވަސްވަރު ވެސް އޭނާގެ ސިއްހީ ހާލަތާއި މެދު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެންމެފަހުން އެމެރިކާގައި ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވެސް ބައިޑެން ނިންމެވި އެވެ. ނަމަވެސް ފަހުން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ.

ބައިޑެންގެ ބަދަލުގައި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކްގެ ޓިކެޓުގައި ވާދަކުރެއްވީ އޭނާގެ ނައިބު ރައީސް ކަމަލާ ހެރިސް އެވެ. ނަމަވެސް ހެރިސް ވަނީ ތަފާތު ބޮޑު ގޮތަކަށް ރިޕަބްލިކަންގެ ކެންޑިޑޭޓް ޓްރަމްޕް އަތުން ބަލިވެފަ އެވެ.

އެމެރިކާގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބައިޑެން އަކީ އެމެރިކާގައި ވެރިކަން ކުރެއްވި އެންމެ އުމުރުން ދުވަސްވީ ރައީސެވެ.