Last Updated: May 20, 09:24
Tuesday, May 20, 2025
ޚަބަރު

ސިޔާސީ ގޮތުން މިދަނީ ބޮޑު ވިއްސާރައަކާ ދިމާލަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ޕީޕީއެމް

ސިޔާސީ ގޮތުން ރާއްޖެ މިދަނީ ބޮޑު ވިއްސާރައަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ސިޔާސީ ގޮތުން އަނެއްކާވެސް ރާއްޖެ މިދަނީ ބޮޑު ވިއްސާރައަކާ ދިމާލަށް ކަމަށާއި ބޮޑު ވިއްސާރައާ ހަމައަށް ދާއިރު ޕީއެންއެފްގެ އޮޑިވެސް ފުލްވެ ބަންޑުން ވާނެ ކަމަށެވެ.

"މިހާރު ރާއްޖޭގައި ފުރައިގެން މިއުޅޭ އޮޑި މި އުޅެނީ އެއްވެސް ވަރަކަށް އިންޑިއާ ކަނޑުން ބޭރަށް ނުނިކުމެވިގެން. ފަޅުވެރިން ވެސް ތިބީކީއެއް ނޫން، ކައްޕިއެއް ވެސް ހުރީކީއެއް ނޫން،" މި ސަރުކާރަށް އަމާޒުކޮށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމްޑީޕީ ފުރަތަމަ ފަހަރަށް ވެރިކަމަށް އައުމުން ވެސް އޮޑިއެއް ބެންނެވި ކަމަށާއި އޭގެ ކައްޕިއަކަށް ވެސް އެމަނިކުފާނު ހުންނެވި ކަމަށެވެ. އަދި އެ އޮޑިއަށް މީހުން ގިނަކުރަން ދުވަސްކޮޅެއް ނެގި ކަމަށާއި ނަމަވެސް އެމްޑީޕީގެ ކަންކަން ރައްޔިތުންނަށް ބޮޑު ނޮހޮރުއްޕާނަކަށް ވުމުން ބޮޑު ވިއްސާރަ ކުރިމަތިވުމުން ޕީޕީއެމްގެ އޮޑިއަށް އެރުއްވި ކަމަށް ވިދާޅުވި އެވެ.

"މި އޮޑިއަށް އަނެއްކާ ދިމާވީ ބޮޑު ހަނދުކޭތަ. އޮޑި ގުޑުވާލާ ވަރުގެ ހަނދު ކޭތައެއް ދިމާވީ. އެއީ ދެން އިސްލާހަށް މަސައްކަތް ކުރެއްވި އެންމެ ވަރުގަދަ ދެ ލީޑަރުން، ރައީސް މައުމޫން އާއި ގާސިމް އިބްރާހިމްގެ އިސްލާހުގެ ގުލްޒާރުގެ ކޯވަރެއް އޭރު ލިބިގެން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.

ސިޔާސީ ގޮތުން ރާއްޖެ ބޮޑު ވިއްސަރައަކާ ދިމާލަށް ދާން އުޅޭ ކަމަށް ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް ޔާމީން ދެއްވާފައެއް ނުވެ އެވެ.