Last Updated: May 20, 11:03
Tuesday, May 20, 2025
ޚަބަރު

ހައްޖު ކިޔު ފަޅާލާފައި ސިޔާސީ ފަރާތްތަކަށް ޖާގައެއް ނުދޭ

ހައްޖު ކިޔު ފަޅާލާފައި ސިޔާސީ ފަރާތްތަކަށް ޖާގަދޭ ވާހަކަތައް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދޮގުކުރައްވައިފި އެވެ.

ހައްޖު ކޯޓާތަކާ ގުޅޭގޮތުން "ދައުރު" ނޫހުން ގެނެސްދިން ރިޕޯޓަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެ ރިޕޯޓުގައި ހަގީގަތާއި ހިލާފު މައުލޫމާތުތައް ހިމެނޭ ކަމަށާއި އެ ރިޕޯޓުގައި ވަރަށް ގިނަ ހަގީގަތްތައް ހަނދާން ނައްތާލާފައިވާ ކަމަށެވެ.

ޝަހީމް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި މިދިޔަ އަހަރު 32 ޕަސެންޓު ހައްޖު ކޯޓާ ރިޒާވް ކުރި ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ހައްޖު ކޯޓާ މިދިޔަ އަހަރާ ހަމައަށް ހައްޖު ކޯޕަރޭޝަނަށް ލިބެނީ ވަކި އިންސައްތަ އަކަށް އަދި ބާކީ ބައި ލިބެނީ ހައްޖު ކުންފުނިތަކަށް ކަމަށެވެ.

މިދިޔަ އަހަރާ ހަމަަޔަށް ބޮޑެތި ބަލިތަކުގެ މީހުންނަށް ސަރުކާރުތަކުން ވަކި އިންސައްތައެއް ރަސްމީކޮށް ރިޒާވް ކޮށްފައި އޮންނަ ކަމަށާއި އަދި އުމުރުން 75 އަހަރުން މަތީ މީހުންނާއި ބަލި މީހުންނަށް އެހީތެރިން ރިޒާވް ކުރާ ކަމަށް ޝަހީމް ވިދާޅުވި އެވެ. ކޮވިޑާ ގުޅިގެން ތިން އަހަރު މީހުން ހައްޖު ނުވާ ކަމަށާއި ނަތީޖާއަކީ މަދުވެގެން 3000 މީހުން ކިއޫއަށް އިތުރުވެގެން ދިއުން ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

ރިޒާވް ކޯޓާ ވަރަށް ބޮޑަށް މަދުކޮށް، މިއަހަރު ހައްޖަށް ދެވޭނެ ކަމަށް ކިއޫގައި ތިބި އެންމެންނަށް މިހާރު ޖާގަދީފައިވާ ކަމަށާއި އަދި ހައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާއެއް ދޭން މި ސަރުކާރުން ނިންމީ ވެސް ކިއޫގެ މައްސަލަ ހައްލުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް އޮފީހުން ލިސްޓު ހަދާ ވާހަކަ އާއި ސިޔާސީ ފަރާތްތަކާއި ގާތް މީހުންނަށް ކިއޫ ފަޅާލާފައި ޖާގަ ދޭ ވާހަކައަކީ ދޮގެއް. ރައީސް އޮފީހުން ލިސްޓެއް ނުދޭ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވަނީ ހައްޖު ކޯޕަރޭޝަނަކީ ވަރަށް ހިދުމަތްތެރި މުއައްސަސާއެއް ކަމަށާއި އެތަނުގެ އަގު ވައްޓާ ނުލާ ރަނގަޅު ކުރަންޖެހޭ ކަންކަން ބުނެދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެކަން އަބަދުވެސް ގަބޫލުކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.