އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން އިއްޔެ އެކަނިވެސް 151 މީހުން މަރުވެއްޖެ އެވެ.
ގާޒާގެ ހެލްތު އޮފިޝަލުންނާއި ހަވާލާދީ "އަލްޖަޒީރާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރެއިން 70 މީހުން ނިސްބަތްވަނީ ގާޒާގެ އުތުރުގެ ސަރަހައްދުތަކަށެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ތަންތަނުގެ ދަށުގައި ތާށިވެ ގެއްލިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލު ސިފައިން ގާޒާއަށް އެއްގަމުން މަގުން އަރައި ވަރުގަދަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ގާޒާއަށް ކާނާގެ އަސާސީ މިންވަރެއް ވައްދަން އިޒްރޭލުން އިއްޔެ ވަނީ ހުއްދަ ދީފަ އެވެ. އަދި އިޒްރޭލާއި ހަމާސްއާ ދެމެދު އަންނަނީ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް ހަދަން ނުސީދާކޮށް މަޝްވަރާތައް ވެސް ކުރަމުންނެވެ.
މިދިޔަ ހަފްތާއިން ފެށިގެން އިޒްރޭލުން ގާޒާއަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކުރިއިރު، ފާއިތުވި ފަސް ދުވަސްތެރޭ ގާޒާއިން ގާތްގަނޑަކަށް 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އިޒްރޭލުން އަންނަނީ އާންމުން ދިރިއުޅޭ ތަންތަނުގެ އިތުރުން ގާޒާގެ މިސްކިތްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކުރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 53،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 100،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ. މި ހަމަލާތަކުގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.