ފަލަސްތީނުގެ ނަން ދިރުވައި އެ ގައުމަށް އެހީވުމުގެ ގޮތުން މިދިޔަ އަހަރު ލޯންޗްކުރި "ޕަލަސްތީން ކޯލާ" ރާއްޖޭގެ މާކެޓަށް ވެސް ނެރެފި އެވެ.
މި ކޯލާ ރާއްޖޭގެ މާކެޓަށް ރަސްމީކޮޝް ލޯންޗްކުރީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރޭ ބޭއްވި އިވެންޓެއްގަ އެެވެ. "ފަލަސްތީން ކޯލާ" ރާއްޖެ އަށް ނެރެފައި ވަނީ އެމްއެޗްއާރް ޓްރޭޑިންއިންނެވެ.
އެ ކުންފުނިން ބުނީ މާލެ ސަރަހައްދުގައި ކޯލާ ލޯންޗްކުރުމަށް ފަހު މިހާރު އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މި ކޯލާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން އަތޮޅުތެރެއަށް މުދާ ޑިސްޓްރިބިއުޓްކުރާ ފަރާތްތަކާ ގުޅިގެން މުޅި ރާއްޖެ އިން "ފަލަސްތީން ކޯލާ" ލިބޭނެ ގޮތް ހަދަން ބޭނުންވާ ކަަމަށް އެމްްއެޗްއާރް ބުންޏެވެ.
އެ ކުންފުނިން ބުނީ ދިވެހިންނަކީ އަބަދު ވެސް ފަލަސްތީނާ އެކީ ތިބި ބަޔަކަށްވާތީ މީ ކޯލާ ގަންނަން ކޮންމެ މީހަކު ވެސް ކުރާ ހޭދަ އަކީ ފަލަސްތީނަށް ސީދާ ގޮތުން ވެވޭ އެހީއެއް ކަމަށެވެ. އެހެންވެ ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ މަގުސަދުގައި އަނިޔާވެރި ގަތުލުއާންމެއް ހިންގަމުންދާ އިޒްރޭލަށް ވާގި ދޭ، ކޮކަ ކޯލާ ފަދަ ބްރޭންޑްތަކުގެ ބަދަލުގައި ދިވެހިން "ފަލަސްތީން ކޯލާ" އިހުތިޔާރު ކުރާނެ ކަމަށް އެމްއެޗްއާރުން ބުންޏެވެ.
މި ކޯލާގެ ތަފާތު ރަހަތަކެއް މިހާރު ދުނިޔޭގެ ބައެއް ހިސާބުތަކަށް ނެރެފައިވީ ނަމަވެސް ރާއްޖޭގެ މާކެޓަށް އަދި ނެރެފައި ވަނީ "ފަލަސްތީން ކޯލާ" ގެ ނޯމަލް އާއި ޝުގާ ފްރީ އެވެ. މި ދަޅުގެ ބޭރުގައި ފަލަސްތީނު ރަމްޒުކޮށް ކެފިއާގެ ޑިޒައިނާއި ޒައިތޫނި ފަތްކޯޅީގެ ކުރެހުންތަކެއް ވެސް ހިމަނާފައިވެ އެވެ.
އެމްއާރް އިން ބުނީ މިއަށް ލިބޭ ތަރުހީބަށް ބަލައި، އިތުރު ފްލެވާތައް ރާއްޖެ ގެންނާނެ ކަމަށެވެ.
"ފަލަސްތީން ކޯލާ" އަކީ ސްވިޑްންގައި ދިރިއުޅޭ ފަލަސްތީނުގެ އެއްބަނޑު އެއްބަފާ ބެއިންތަކެއް ވުޖޫދަށް ގެނައި ބްރޭންޑެކެވެ.
އެމްއެޗްއާރް އިން ބުނީ ރާއްޖޭގައި "ފަލަސްތީން ކޯލާ" ވިއްކައިގެން ލިބޭ ފައިދާގެ 100 ޕަސެންޓް ފޮނުވާނީ ފަލަސްތީނަށް އެހީވާން ޗެރިޓީތަކަށް ކަމަށެވެ.