Last Updated: May 20, 10:09
Tuesday, May 20, 2025
ޚަބަރު

ބްރޯޑްކޮމްގެ މުވައްފުންތަކެއްގެ ޕެޓިޝަނެއް މަޖިލީހަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ހިމެނޭހެން ބައެއް މެމްބަރުންނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެކި ގޮތްގޮތުން ދަތިކުރާތީ އާއި ނަފުސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް މުވައްޒަފުންނަށް އުނދަގޫތައް ކުރިމަތިކުރުވާ ކަމަށް ބުނެ ބުނެ ހުށަހެޅި ޕެޓިޝަންގައި އަވަސް ހައްލެއް ހޯދައިދީ ފާހަގަކުރި މައްސަލަތައް ބަލައިދިނުމަށް އެދިފައިވެ އެބެ.

ޕެޓިޝަންގައި ސޮއިކުރި ބްރޯޑްކޮމްގެ މުވައްޒަފުންގެ އަދަދު 17 އަށް ވުރެ ގިނަ އެވެ.

އެ ޕެޓިޝަން މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޕެޓިޝަންގައި މުވައްޒަފުން މައިގަނޑު 12 މައްސަލައެެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނަރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތަކަށް ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެމްބަރުންގެ ފަރާތުން ހުރަސް އަޅަމުން ދިއުމާއި މާލިއްޔަތު ގަވައިދާ ފުށޫ އަރާގޮތަށް މަސައްކަތް ކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރުވުމާއި ކޮމިޝަންގެ ދާއީމީ ކޮމިޓީތަކުން ނިންމާ ކަންކަން ވަކިވަކި މުވައްޒަފުން ހާޒިރުކޮށް އޮޅުން ފިލުވައި، އެ ނިންމުންތަކަށް ނުފޫޒު ފޯރުވުމާއި
ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުމާއި، މުވައްޒަފުންގެ ޒާތީ މައުލޫމާތުތައް ހާމަކުރުން ފަދަ ކަންކަން ހިމެނެ އެވެ.

ޕެޓިޝަންގައި އެދިފައި ވަނީ އޭގައި ފާހަގަކޮށްފައިވާ މައްސަލަތައް މަޖިލީހުން ބަލައި އެކަށީގެންވާ ރަނގަޅު ހައްލުތަކެއް ގެނެސް ދިނުމަށް އެދިފަ އެވެ. އަދި މީގެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އާއި ރާއްޖޭގައި އަމަލުކުރަމުން އަންނަ އެކިއެކި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، އަދި ބައެއް މެމްބަރުން މިހާރަށް ވުރެ ފުޅާކޮށް ހޭލުންތެރިކޮށް ދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެ އެވެ.

ބްރޯޑްކޮމްގެ މިހާރުގެ ރައީސަކީ ސަފާ ޝަފީގެވެ. އަދި ނައިބު ރައީސަކީ ޝިފްލާ އިބްރާހީމެވެ.