Last Updated: May 20, 10:03
Tuesday, May 20, 2025
ޚަބަރު

މަރަދޫފޭދޫގައި ފިނި މައިޒާނެއް ހަދަން ބީލަމަށް

އައްޑޫ މަރަދޫފޭދޫގައި ފިނި މައިޒާނެއް ހަދައި ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އެ މައިޒާން ހަދަން ބޭނުން ވަނީ މަރަދޫފޭދޫގައި މިހާރު ހަދައި އަދި ނުހުޅުވައި އޮތް ސްކޭޓް ޕާކް ސަރަހައްދުގައި ކަމަށެވެ. އެ ތަނަކީ ކުރިން އެ އަވަށުގެ ކުޑަކުދިންގެ ޕާކެވެ.

މަރަދޫފޭދޫ ފިނި މައިޒާން ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 3 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 އާ ގަމަަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 10:00 ގައި ސްކޭޓް ޕާކް ސަރަހައްދުގައި އޮންނާނެ އެވެ.

ކައުންސިލުން ބުނީ ފިނި މައިޒާން ހަދައިދޭން ބީލަން ހުށަހަޅާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،860ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 120 ދުވަސް ކަމަށެވެ.

މި މަހުގެ ކުރީކޮޅު ކައުންސިލުން ވަނީ ފޭދޫގައި ވެސް "އެންމެންގެ މައިޒާން" ގެ ނަމުގައި ފިނި މައިޒާނެއް ހުޅުވައިފަ އެވެ.