ފުލުހުންގެ ރީޖަންތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ޓެރަރިސްޓް އިންސިޑެންޓް ފަސްޓް ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމާއި "ޓެރަރިސްޓް އިންސިޑެންޓް ކޮމާންޑު ރެސްޕޮންސް އެވެއާނަސް" ޕްރޮގްރާމް ނޯތު ސެންޓްރަލް ޕޮލިހުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 12-15 އަށް އދ. މަހިބަދޫގަ އެވެ.
ޕްރޮގްރާމުގައި، ރާއްޖެއަށް ނިރުބަވެރި ހަމަލާއެއް އަންނަ ހާލަތުގައި އެކަމަށް ހުޝިޔާރުވެ ތިބުމާއި ފާރަވެރިކަމާ އެކު އެކަމަށް ރެސްޕޯންޑް ކުރެވޭނެ ގާބިލުކަން ފުލުހުންގެ ކިބައިގައި އިތުުރުކުރުމަށް މައުލޫމާތު ދީފައިވެ އެވެ. އަދި އެފަދަ ހާދިސާއެއް ކުރިމަތިވެއްޖެ ހާލަތުގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށާ އެންމެ ގާތުން އެކަމަށް އިޖާބަދޭ ފަސްޓް ރެސްޕޯންޑާޒް އަދި ސުޕަވައިޒަރީ ލެވެލްތަކުގެ ފުލުހުން އަމަލުކުރާނެ ގޮތްތަކާއި އެފަދަ ސީންތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކުގެ އިތުރުން ސަމާލުކަން ދޭން ޖެހޭ ކަންކަމުގެ މައުލޫމާތު ވެސް ދީފައިވެ އެވެ.
މި ޕްރޮގްރާމުގެ ސަބަބުން، ޓެރަރިޒަމާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން އަންނަ މަސައްކަތްތަކަށް ރެސްޕޯންޑުކުރުމުގެ ގާބިލުކަން، އަތޮޅު ތެރޭގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިގައި އިތުރުވެގެންދާނެ ކަމަށް ފުލުހުންގެ އިދާާ އިން ބުންޏެވެ.
މިއީ ފުލުހުންގެ ޚިދުމަތުގެ ކައުންޓަ-ޓެރަރިޒަމް އިންޓެލިޖެންސާއި އިނގިރޭސިވިލާތުގެ ސަރުކާރު ގުޅިގެން ހިންގަމުން އަންނަ "އިންޓަނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއާ" ޕްރޮގްރާމްގެ ދަށުން، މުޅި ރާއްޖެ ހިމެނޭހެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.